ސަރުކާރުން އިސްކަމެއް ދީގެން ހއ.ހޯރަފުށީގައި ތަރައްގީކުރި އެއާޕޯޓު ހުޅުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެ ރަށަށް ވަޑައިގެންފިއެވެ. 

ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށްޓަކައި ރައީސް އެ ރަށަށް ވަޑައިގަންނަވަނީ މިއަދު މެންދުރު 13:00 ހާއިރެވެ. މިއީ ކޮވިޑް-19ގެ ސަބަބުން މާލެ ލޮކްޑައުން ކުރުމުގެ ސަބަބުން މާލެއިން ބޭރު ރަށަކަށް ދަތުރުނުކުރައްވާތާ 8 މަސްދުވަސް ފަހުން އެ މަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. 

ރައީސް ޞާލިހު ވަނީ ހޯރަފުށީ އެއާޕޯޓަށް އެމަނިކުފާނު ދަތުރުކުރެއްވި ފްލައިޓް ލޭންޑް ކުރި ތަނުގެ ވީޑިއޯއެއްވެސް ޓްވީޓްކުރައްވާފައެވެ. މި ދަތުރުފުޅުގައި އެ މަނިކުފާނާއެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވަޑައިގެންނެވިއެވެ.

ހޯރަފުށްޓަށް ވަޑައިގަތުމުން އެ ރަށުން އެ މަނިކުފާނަށް މަރުހަބާކީ ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމްއެވެ. އެއާޕޯޓުން ރައީސް ވަޑައިގެންނެވީ ބަނދަރު ސަރަހައްދަށެވެ. މި ސަރަހައްދުގައި ރައީސްއަށް މަރުހަބާ ކިޔުމުގެ ގޮތުން ސަގާފީ އެތައް ކުޅިވަރުތަކެއް ދައްކާލާފައިވެއެވެ. ރައީސްއަށް މަރުހަބާ ކިޔުމުގެ ގޮތުން ބަނދަރު ސަރަހައްދަށް ގިނަ އަދަދެއްގެ ހޯރަފުށީ ރައްޔިތުން އެއްވެފައިވެސް ތިއްބެވެ. 

ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ކުރިން މަސައްކަތްކޮށްފައިވަނީ 17 ނޮވެމްބަރުގައެވެ. އެހެންނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން ރައީސްގެ ދަތުރުފުޅު ކެންސަލް ކުރައްވަން ޖެހިވަޑައިގަތެވެ. މިހާރު ރޭވިފައިވާ ގޮތުން އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރުއެވެ.

ހޯރަފުށީ އެއާޕޯޓް ސިފަ ވަނީ ވަރަށް ރީތި އެއާޕޯޓެއްގެ ގޮތުގައެވެ. ހޯމަ ދުވަހުގެ ހެނދުނު ހޯރަފުށީ އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓެއް ޓެސްޓް ފްލައިޓެއްގެ ގޮތުގައި ވަނީ ޖައްސާފައެވެ. މިއަދު ރަސްމީކޮށް އެ އެއާޕޯޓު ހުޅުވިގެން ދިއުމާއެކު، އެ ސަރަހައްދުގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ވާނެއެވެ. 

ހޯރަފުށީ ކައިރީ ފަޅު ރަށެއްގައި އެއާޕޯޓް އެޅުމަށް އެންމެ ފުރަތަމަ ވައުދުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. ނަމަވެސް އެ ސަރުކާރަށް މަޝްރޫއު ފެށޭ ވަރެއް ނުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމީ ހޯރަފުށީ ފަޅު ހިއްކައިގެން އެއާޕޯޓް އެޅުމަށެވެ. އަދި ސަރުކާރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.