2021 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ އެންމެ ބޮޑު އެއް އަމާޒަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުން ކަމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ދިޔަ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ މިދިޔަ އަހަރުގެ ބަޖެޓުގައި ވެސް އެކަން އޮތް ކަމަށާއި އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ގާއިމްކުރުމަށް ބަޖެޓުގައި ހިމެނި އެކަން ހަގީގަތަކަށް ވަމުންދާ ކަމަށެވެ. ކޮވިޑްއާއި ގުޅިގެން މާލެ އައުމަށް ދަތިވެފައިވުމާއެކު ރީޖަނަލް ހޮސްޕިޓަލްތަކަށް ރައްޔިތުން ދާން ޖެހިފައިވާ ކަމަށާއި އަދި އެ ހޮސްޕިޓަލްތަކުން ހިތްހަމަޖެހޭ ފެންވަރުގެ ހިދުމަތްދެމުންދާ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ. 

ހުޅުމާލޭގައި އަޅަން ހަމަޖެހިފައި އޮތް ކެންސަރު ހޮސްޕިޓަލް ލ. އަތޮޅަށް ބަދަލުވުމަކޫ އުފާ ކުރާ ކަމެއް ކަމަށް ނިޔާޒު ވިދާޅުވިއެވެ. ސަރަހައްދީ ތަރައްގީއަށް އަމާޒުކޮށް ބަޖެޓް ބައްޓަންކޮށްފައި އޮތުމަކީ މުހިންމު ކަމެއް ކަމަށާއި އެއީ ހެޔޮ ފާލެއް ކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ. 

ތައުލީމް ފޯރުކޮށްދިނުމަށް އުމްރާނީ ގޮތުން އަދި އިންސާނީ ވަސީލަތް ފަސް ސަރަހައްދެއްގައި ފޯރުކޮށްދިނުމަށް ބަޖެޓް ކުރެވިފައިވާކަން ނިޔާޒް ފާހަގަކުރެއްވިއެވެ. އަމިއްލަ ތަޖުރިބާއަށް އިޝާރަތްކުރައްވައި ނިޔާޒް ވަނީ މަތީ ތައުލީމާއި، ސިއްހީ ހިދުމަތްތަކާއި ވަޒީފާގެ ފުރުސަތު ލިބޭނަމަ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މާލެއަށް ހިޖުރަކުރަން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ސަރުކާރާއި އެމްޑީޕީގެ ވެސް ސިޔާސަތަކީ ރާއްޖެއަށް ސަރަހައްދީ ތަރައްގީ ގެނައުން ކަމަށް ނިޔާޒް ވިދާޅުވިއެވެ. 

ހުޅުމާލޭގައި އަޅަން ނިންމާފައިވާ ބައިނަލްއަގްވާމީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމްއާ ގުޅުވައި ނިޔާޒް ވިދާޅުވީ އެއީ ކުރިން ހަމަޖެހިފައި އޮތް ޚަރަދެއް ކަމަށާއި އެއީ އެހެނިހެން ކުޅިވަރުތަކާއި އެހެން އިވެންޓްތައް ވެސް ބޭއްވޭ ފަދަ ގޮތަކަށް ގާއިމްކުރެވޭ ސްޓޭޑިއަމެއް ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓަށް ބުރަ ނުވާގޮތަށް އެތަން މެނޭޖްކުރެވޭ ފަދަ ޕްލޭނެއް ފެނިގެންދާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.