ޔޫތް މިނިސްޓްރީ ހިންގުން މިހާރުގެ ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާ ހަވާލުކޮށްފިއެވެ.
ޑރ. މައުސޫމް ޔޫތު މިނިސްޓްރީ ހިންގުމާ ހަވާލުކޮށްފައިވަނީ މިނިސްޓަރ މަހުލޫފް ވަގުތީގޮތުން މަގާމުން އެކަހެރިވުމަށް އެންގެވުމުންނެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ބޮޑު ހިޔާނާތުގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހްލޫފާއި ދެކޮޅަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ.
މީޑިއާތަކަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލާގައި މަހްލޫފްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާކަމަށެވެ. އެހެންކަމުން ޕީޖީން ވަކިގޮތެއް ނިންމަން ދެން، މަހްލޫފް މަސައްކަތުން އެކަހެރި ކުރެވިފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަހްލޫފްގެ އެކައުންޓަށް ޖަމާވެފައިވާ އެސްއޯއެފް ޗެކުގެ މައްސަލާގައި 2019 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާ ސަސްޕެންޑު ކުރެއްވިއެވެ.
މީގެކުރިން ހާމަވެފައިވާ ގޮތުގައި މަހްލޫފްގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެއެވެ. އެހެން ނަމަވެސް އެއީ ޑޮލަރުގެ މުއާމަލާތެއްގައި ފައިސާކަމަށް މަހްލޫފް ވިދާޅުވެފައިވެއެވެ. އަދި އާއިލީ ވިޔަފާރިއަށް ޑޮލަރު ގަތުމަށް އެސްއޯއެފްއަށް ފައިސާ ޖަމާކުރި ސްލިޕްތައް ވެސް މަހްލޫފް އާންމުކުރައްވާފައިވެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން އޭރު އެ މައްސަލަ ތަހުގީގު ކުރުމަށްފަހު މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށް ވެސް ނިންމާފައިވެއެވެ.