ސަރުކާރުގެ ފަރާތުން މަޖިލީހުގެ ދެވަނަ ދައުރަށް 19 ބިލެއް ހުށަހަޅަން ގަސްތުކޮށްފިއެވެ.
މިހާރު ފެށިގެން ކުރިއަށްދާ މަޖިލީހުގެ ދެވަނަ ދައުރަށް ސަރުކާރުގެ ފަރަތުން ޖުމްލަ 19 ބިލެއް ހުށަހަޅާން ގަސްތު ކޮށްފައިވާއިރު، އޭގެ ތެރެއިން 8 ބިލެއް މިހާރުވެސް މަޖިލީހަށް ހުށަހަށާފައިވާ ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން މައުލޫމާތުދެއެވެ.
މިހާރު ހުށަހަޅާފައިވާ ބިލްތަކުގެ ތެރޭގައި، ފަނޑިޔާރުންގެ ގާނޫނަށާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޣުގޫބާތުގެ އިތުރުން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްތައް ހިމެނެއެވެ. ހަމައެއާއެކު، ޖަނަވާރުގެ ސިއްހަތާބެހޭ ބިލާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލުގެ އިތުރުން އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލު ވެސް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް އޭޖީން ބުނެއެވެ.
މަޖިލީހަށް ހުށަހަޅަން ގަސްތު ކޮށްފައިވާ އެހެނިހެން ބިލްތައް:
- ހެއްކާބެހޭ ބިލު
- އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު
- ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ބިލު
- އިލެކްޓްރީނިކް މުއާމަލާތްތަކާބެހޭ ބިލު
- ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރި ކުރުމުގެ ބިލު
- ކަނޑުގައި ދުއްވަ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރައްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
މީގެ ތެރޭގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ މަގްސަދުތަކާ ތައާރުޟުވާ ގާނޫނުތަކަށް އިސްލާހު ގެނައުމާގުޅޭ ބިލުތައް ހިމެނޭ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.
މި ލިސްޓުގައި ހިމެނޭ އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާ ބެހޭ ބިލާއި ޖަނަވާރުގެ ޞިއްޙަތާބެހޭ ބިލާއި ކާބޯތަކެތީގެ ބިލާއި އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި ގިންތި ކުރުމުގެ ބިލަކީ ޢާންމު ގަވާއިދުތަކާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ބިލުތަކެއް ކަމަށް ވެސް އޭޖީއިން ބުނެއެވެ.