ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓް -- ފޮޓޯ: އަވަސް

ސަރުކާރުގެ ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ކުލީގެ އަގު ކަނޑައެޅިގޮތުގެ ހިސާބުތައް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން މާލެ ސިޓީ ކައުންސިލާއި ހިއްސާކުރުމަށް ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމާފައިވަނީ ހިޔާ ފްލެޓުތަކުގެ ކުއްޔަކީ މެއިންޓެނެސް އާއެކު 8،500 ރުފިޔާ ކަމަށެވެ.

ނަމަވެސް އެ  އަގު ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައިވާގޮތަށް 5600 ރުފިޔާއަށް ކުޑަކޮށްދިނުމަށް އެދި މާލެ ސިޓީގެ މޭޔަރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައެވެ. އަދި އެ އަދަދަށް ކުޑަކުރުމުން އެޗްޑީސީއަށް ގެއްލުން ނުވާނެ ކަންވެސް މުއިއްޒު ފާހަަގަ ކުރެއްވިއެވެ.

އެކަމާއި ގުޅިގެން މިނިސްޓަރ އަސްލަމް ވިދާޅުވީ އެޗްޑީސީން ހިސާބުޖަހާފަިއވާގޮތް މިހާރު ވާނީ މާލެ ސިޓީގެ މޭޔަރާއި ހިއްސާކުރައްވާފައިކަމަށެވެ.

ސިޓީ ކައުންސިލްގެ ބޭފުޅުން ބޭނުންފުޅުވޭ އެ ހިސާބުތައް އަމިއްލައަށް ވެރިފައި ކުރުމަށް އެބޭފުޅުން ބައްލަވާލައްވަން. އެހިސާބުތައް އަޅުގަނޑުމެން އެބޭފުޅުންނަށް އަރުވާނަން

އަސްލަމް ވިދާޅުވީ އެބޭފުޅުން އެހިސާބުތައް ބައްލަވައި ވެރިފިކޭޝަން ހެދުމުގެ ފުރުސަތު އޮތްކަަމަށެވެ.

އަދި ކުލީގެ އަގަކީ މިއަދުގެ މަޝްވަރާއިން އެކަނި ނިމިގެންދާނެ ކަމެއް ނޫން ކަމަށާއި މިކަމާއި ސިޓީ ކައުންސިލުން ހިސާބުތައް ދިރާސާކުރުމަށްފަހު އަލުން މަޝްވަރާކުރާނެ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި 2018 ގައި ޖެހި ހިސާބާއި، މިހާރު ޖަހާފައިވާ ހިސާބު ސިޓީކައުންސިލުން ބަލައި އެޕްލައި ކޮށްފައިވާ ފޯމިއުލަރ މެތަޑްގައި ވެރިފިކޭޝަން ހަދަމުންގެންދާނެ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިހިސާބުތައް އޮޑިޓް އޮފީހުން ބަލައިދިނުމަށްއެދި އޮޑިޓަރޖެނެރަލްގެ އަރިހުގައިވެސް އެޗްޑީސީން  އެދިފައިވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އަގުތައް މިހާރު ކަނޑައަޅާފައިވާގޮތް ސިޓީ ކައުންސިލުން ދިރާސާ ކުރުމަށްފަހު އެޗްޑީސީ އާއި ސިޓީ ކައުންސިލް އަދި ޕްލޭނިން މިނިސްޓްރީ އާއި އެކު ކުރެވޭ މަޝްވަރާތަކުން މި އަގު ކުޑަކުރެވިގެންދާނެ ކަމަށެވެ.

އަދި މިއަގު ކުޑަކުރުމުގައި ސަރުކާރުގެ ޕޮލިސީ ލެވެލްގައި ނިންމަންޖެހޭ ނިންމުންތަކަކީ އެބޭފުޅުން އުއްމީދު ކުރާ ނަތީޖާއަށް ވެގެންދާނެ ކަމަށް ގަބޫލު ކުރައްވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

 

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.