ފެނަަކަ ކޯޕަރޭޝަން ލިމިޓެޑްގައި ކޮރަޕްޝަނާއި ފަސާދައިގެ މުޑުދާރު ޢަމަލުތައް ނުހިންގާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަން ހިންގަމުންދާކަމަށް ތުހުމަތުކޮށް ބައެއް މީޑިއާތަކުން ޚަބަރުފަތުރަމުންދިއުމާއި ގުޅިގެން އެކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކުންފުންޏާއި މެދު އަތޮޅުތެރޭގެ ރައްޢިއްޔަތުންގެ އިތުބާރު ގެއްލި، ދެވޭ ޚިދުމަތުގެ ކަށަވަރުކަން ގެއްލިފައިވަނިކޮށް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުންފެށިގެން، ފެނަކައިން ދެމުންދާ ޚިދުމަތްތަކުގެ ދުވެލި ރަނގަޅުވެ، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ކަށަވަރު ކުރެވުނީ މި ސަރުކާރުގެ ތެރެއިން ފެނަކައިގެ މިއަދުގެ މެނޭޖްމަންޓްގެ ޒަޢާމަތުގައި ކަމަށެވެ.
މިއާއެކު، ކުންފުނީ ހިންގުމުގައި ގެނެވުނު ހަރުދަނާ ބަދަލުގެ ނަތީޖާ ފެނި ރައިއްޔަތުންގެ އިތުބާރު ކުންފުންޏާއިމެދު މިހާރު ހޯދިފައިވާކަން ނަޒަރު ހިންގާލި ކޮންމެ ދިމާލަކުން ފެންނަން އޮތުމަކީ ދެބަސްވެވެން ނެތް ޙަޤީޤަތެއް ކަމަށް ފެނަކައިން ބުނެއެވެ.
ނަމަވެސް، ކުންފުނިން މިހާރު ދެމުންދާ ޚިދުމަތްތަކާއި އަދި ކުންފުނިން ކުރާކަންކަމާއި މެދު ބައެއް މީޑިއާތަކުން ލިޔެ ޢާއްމުކުރަނީ ކަމުގެ ޙަޤީޤަތް ބަލާލުމެއްނެތި ޢާއްމު ރަޢިއްޔަތުންގެ ހިތްތަކުގައި އެ ކުންފުންޏާއި މެދު ނަފްރަތު އުފައްދާ، ކުންފުނީގެ ކުށެއް ނެތް ހީވާގި މުވައްޒަފުންނާއި ކުންފުނީގެ މެނޭޖްމަންޓްގެ އަގު ވައްޓާލުމުގެ ނިޔަތުގައި ކަމަށާއި، ސިޔާސީ އަދި ޒާތީ ގޮތުން ހިންގޭ މިފަދަ ނޭދެވޭ ޢަމަލުތައް ކުށްވެރިކޮށް، މިފަދަ ޢަމަލުތައް ހުއްޓާލުމަށް މީޑިއާތަކަށް އިލްތިމާސް ކުރާ ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނީ އެކުންފުންޏަކީ މިނިވަން މުވައްސަސާ އަކަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ކަމާއި ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ނައްތާލާނެ ކުންފުންޏެއް ނޫން ކަމަށެވެ. އަދި އެފަދަ ލިޔެކިޔުމަކަށް ބަދަލު ގެނެސްގެން، ކަމުން ރެކި ޒިންމާ އަދާކުރުމަށް ފަސްޖެހޭނެ މެނޭޖްމަންޓެއްވެސް ނޫން ކަމަށެވެ.
"2019 ވަނަ އަހަރުގެ ކުރިން މި ކުންފުނީގައި ހިންގަމުންދިޔަ ނޭއްގާނީ ޢަމަލުތައް ހުއްޓުވުމަށް އެޅިފައިވީ ހަރުދަނާ ފިޔަވަޅުތަކާއި، ގެނެވިފައިވީ އިސްލާހީ ހެޔޮ ބަދަލުގެ ސަބަބުން އެފަދަ ފުރުޞަތު މިހާރު ލިބެން ނެތަތީ، އެކަންކަމާއި ޙަސަދަވެރިވެ ކުންފުންޏާއި އަދި ކުންފުނީގެ ހީވާގި މުވައްޒަފުން ހިމެނޭ ގޮތުން ވެރިންގެ އަގުވައްޓާލުމަށް ހަޤީޤަތާއި ޚިލާފު ވާހަކަތައް ލިޔެ ޢާއްމު ކުރުމަކީ އެންމެ ޒިންމާދާރުކަން ކަމުގައި މިކުންފުނީން ނުދެކެން" ފެނަކައިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ފެނަކައާ މެދު ހުށަހެޅޭ ޝަކުވާތަކަށް ކަމާއި ގުޅުންހުރި ކޮންމެ މުވައްސަސާއަކުން އެދި ލައްވާ އެދިލެއްވުމަށް ފުރިހަމައަށް އިޖާބަދީ، އެއްބާރުލުން ދެމުން ދާފަދައިން ކުރިއަށް އޮތްތަނުގައިވެސް ސާބިތުކަމާއިއެކު އެފަރާތްތަކާއިއެކު ޙައްޤުގޮތުގައި މަސައްކަތް ކުރަމުންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ޚަބަރު ފަތުރާ މަދު ވަޞީލަތްތަކެއްގައި މިފަދަ ހަޤީޤަތާއި ޚިލާފު ލިޔުންތަކެއް ޝާއިޢު ކުރިނަމަވެސް މިހާރު އެ ކުންފުނީގައި ކޮރަޕްޝަނާއި ފަސާދައިގެ މުޑުދާރު ޢަމަލުތައް ނުހިންގާނެކަމަށާއި އަދި އަބަދުވެސް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު އެކުންފުނިން މަސައްކަތް ކުރާނެ ކަމުގައި ޔަގީންކަން ފެނަކައިން ވަނީ އަރުވާފައެވެ.
މީގެއިތުރުން އެ ކުންފުންޏާއިމެދު މިނިވަން މުވައްސަސާތަކަށް ހުށަހެޅިފައި މައްސަލައެއްވާނަމަ ދިގުދަންމަން ނުތިއްބަވާ ވީ އެންމެ އަވަހަކަށް މައްސަލަތައް ތަޙްޤީޤުކޮށް ނިންމަވައި ދިނުމަށްވެސް ފެނަކައިން ވަނީ އެެދިފައެވެ.