ހެލްތު މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ދާއިރާތަކަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންނެވި ބަދަލުތަކަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
މި ބަދަލުތަކަށް ރުހުންދޭން ފެނިވަޑައިގަންނަވާ ކަމަށް 51 މެމްބަރުން ވޯޓު ދެއްވިއެވެ.
ހެލްތު މިނިސްޓްރީގެ ދާއިރާއަށް ގެންނެވި ބަދަލަކީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަކީ އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ހަމަޖެއްސެވުމެވެ. ކުރިން، އެ އޭޖެންސީ ހިންގަމުން އައީ ޖެންޑަރ މިނިސްޓްރީގެ ދަށުންނެވެ. މިގޮތަށް ރައީސް ނިންމެވީ އެންޑީއޭގެ މަސައްކަތާ މެދު ގިނަ ބަޔަކު ފާޑު ކިޔައި، ހިތްހަމަ ނުޖެހުން ފާޅުކޮށް އަދި އެ އެޖެންސީ ރީފޯމް ކުރުމަށް ގޮވާލަމުންދާ ދަނޑިވަޅުގައެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގެ ދާއިރާއަށް ގެންނެވި ބަދަލަކީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީން ކުރަމުން އައި މަސައްކަތްތައް އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމެވެ. ޓެކްނޮލޮޖީ މިނިސްޓްރީ އުވާލުމަށް ރައީސް ސޯލިހު ނިންމެވީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. އެ މިނިސްޓްރީގެ މެންޑޭޓުތައް އެންވަޔަރަމެންޓަށް ބަދަލުކުރެވުމުން މިހާރު މިނިސްޓްރީގެ ނަމަކީ 'މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ' އެވެ.