ކޮރަޕްޝަން ހިންގައި، ވައްކަން ނުކުރާނެ ކަމުގެ ޔަގީންކަން އަނެއްކާވެސް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދެއްވައި, އޭނާއަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅުންނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. ފައްޔާޒު ވިދާޅުވީ އޭނާ މާ ފެންވަރު ރަނގަޅުވާނެ ކަމަށާއި ވައްކަން ކުރިޔަސް ނޭނގޭނެ ކަމަށެވެ. 

ފައްޔާޒު ރައްދު ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. މިއަދު ވެސް މިނިސްޓަރު ފައްޔާޒުގެ ބޮލުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބަޖެޓަށް ބަހުސް ކުރައްވަމުން ކޮރަޕްޝަން ހިންގަވާ ކަމުގެ ތުހުމަތު އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އަޅުއްވާފައިވެއެވެ. 

ސަރުކާރަށް ދެ އަހަރުވުމާ ގުޅިގެން ސަންގްޓީވީއިން ކުރިއަށް ގެންދިޔަ ހާއްސަ ކަވަރޭޖަށް މިނިސްޓަރު ފައްޔާޒު ދެއްވި އިންޓަވިއުގައި ވިދާޅުވީ މިނިސްޓަރުކަމާ ހަވާލުވިއިރު އޭނާގެ އޮތީ ނަޒާހަތްތެރިކަން ކަމަށާއި ނަމަވެސް އެކަން މިހާރު ކިލަނބުކޮށްފައިވާ ކަމަށެވެ. ކޮރަޕްޝަންގެ ތުހުމަތުތައް އަމާޒުކުރި ފުރަތަމަ ދުވަސްވަރު ވަރަށް ދެރަވެ، މާޔޫސްވި ކަމަށެވެ. ނަމަވެސް މިހާރު ތުހުމަތުތަކާއި އިލްޒާމްތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ ކަމަށާއި އެކަންކަމާހުރެ މަސައްކަތަށް ބުރޫ އަރުވަން ބޭނުން ނުވާ ކަމަށެވެ. 

އޭނާ ކޮރަޕްޝަން ހިންގައި ފަސާދަ ކުރާނެކަން ނަފުރަތު ކުރާ މީހުން ގަބޫލު ކުރިޔަސް އިތުބާރު ކުރާ މީހުން އެ ވާހަކަތައް ގަބޫލު ނުކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ އޭގެއިތުރަށް ދެން ތިބެނީ މެދުގައި ތިބޭ ބައެއް ކަމަށާއި އެމީހުންނަކީ ކޮންމެ ގޮތެއް ވެސް ވަރިހަމަ މީހުން ކަމަށެވެ. 

"ދިވެހި ރައްޔިތުންނަށް މިވާ ގޮތް ވަރަށް ސާފުކޮށް އެނގޭނެ، މީގައި އޮންނާނީ އަޅުގަނޑަށް ނަފުރަތު ކުރާ މީހުން އަޅުގަނޑާމެދު ކޮންމެ ވާހަކައެއް ދެއްކިޔަސް ގަބޫލު ކުރާނެ، އިލާހީ ގޮތުން މިސާލަކަށް އަޅުގަނޑު އެކަމެއް ނުކުރެއޭ އައި ކަމުގައި ވިޔަަސް އެމީހުނެއް ގަބޫލެއް ނުކުރާނެ، ދެން ތިބީ އަޅުގަނޑު އެކަން ނުކުރާނެ ކަމަށް ގަބޫލު ކުރާ މީހުން، އެމީހުން ގަބޫލެއް ނުކުރާނެ ކޮންމެ މީހަކު އެވާހަކަ ދެއްކި ކަމުގައި ވިޔަސް، ދެން ތިބީ މެދުގައި ތިބި ބައެއް، އެމީހުންނަށް އަޅުގަނޑު ކުރިޔަސް ހެޔޮ، ނުކުރިޔަސް ހެޔޮ،" ފައްޔާޒު ވިދާޅުވިއެވެ. 

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ނުފޫޒުގަދަ، ބާރުގަދަ މީހަކަށް، އެހެން މީހުން އަބުރު ކަތިލުން ވަރަށް ފަސޭހަވާނެ ކަމަށެވެ. ބެލެވޭ ގޮތުގައި ފައްޔާޒު އެ އިޝާރާތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށެވެ. ރައީސް ނަޝީދު ވަނީ ފައްޔާޒުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމުގެ މަސައްކަތް އަމިއްލައަށް އިސްނަންގަވައިގެން ފައްޓަވާފައެވެ. ނަމަވެސް އެ މައްސަލައަށް އެމްޑީޕީގެ ޕީޖީގެ ތާއިދު ނުލިބުނުއިރު މިހާތަނަށް މަޖިލީހަށް އެ މައްސަލަ ހުށަހެޅިފައެއް ވެސް ނުވެއެވެ. 

އެމްޑީޕީގެ ބައެއް މެންބަރުން ވެސް ފާޅުގައި ފައްޔާޒާ ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވާއިރު މިއަދު މަޖިލީހުގައި އާޒިމް ވިދާޅުވީ، އެސްއޯއީތަކުގެ ބާރު ވެސް ގެނެސް އަމިއްލަ މިނިސްޓްރީ ތެރެއަށް ވައްދައި ބޮޑު މިނިސްޓަރު ހެދިގެން އިންނަ ކަމަށެވެ. އޭނާ ފައްޔާޒުގެ ނަން ވިދާޅުވި ނަމަވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ފައްޔާޒު އުޅުއްވަނީ އެމްޑީޕީގެ ތެރޭގައި ނުވަތަ ސަރުކާރުގެ ތެރޭގައި "ބްރޯ" ހެދިގެން ކަމަށް ރައީސް ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ. ބްރޯ ހެދިގެން އުޅުމަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ސަރުކާރުގައި އުޅުއްވި ގޮތަށް އުޅުމެވެ. 

"އަޅުގަނޑު ބްރޯއެއްގެ ލަގަބު ދިނީ އެ ބޭފުޅުން، އަޅުގަނޑާ ގުޅުމެއް ނެތް ކަންކަމުގައި ވެސް އެކި ބޭފުޅުން މިހާރު އެބަ ގުޅޭ، އަޅުގަނޑު ވަރަށް ގިނަ ބޭފުޅުންނަށް ޖަވާބު ދެން، އަޅުގަނޑު ބަލަން އެހެން މިނިސްޓަރުންގެ ކަންކަން ވެސް ފެސިލިޓޭޓްކޮށް ދެވޭތޯ، އެހެން މިނިސްޓަރުން އަޅުގަނޑު ދެކެ ރުޅިއައިސްގެން ކަމެއް އައިސްފައެއް ނެތް، އިގުތިސޯދީ ކަންކަން އެހެން މިނިސްޓްރީގެ ވަރަށް ގިނަ ކަންކަމާ ވެސް ގުޅޭ، އެކަންކަމަށް އަޅުގަނޑު އަތް ބާނާނަން، އަތް ބާނަނަން މި ބުނަނީ އެ ބޭފުޅުންނަށް އަޅުގަނޑު ގުޅާނެއޭ،" ފައްޔާޒު ވިދާޅުވިއެވެ. އެހެން މިނިސްޓްރީތަކާއެކު މަސައްކަތް ކުރާކަން ހާމަކުރައްވަން މިއަދު ޔޫތު މިނިސްޓްރީއާއެކު އެމްއޯޔޫއެއްގައި ސޮއި ކުރިކަން ފައްޔާޒު ފާހަގަ ކުރެއްވިއެވެެ. 

މިނިސްޓަރު ވިދާޅުވީ ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަކަށް ވެސް އޭނާ ބަސް ކިޔާނެ ކަމަށެވެ. އޭގެ މާނައަކީ ބުނާހެން ގޮތެއް އެ ކުންފުނިތަކުން ހެދުން ނޫން ކަމަށާއި އެއީ ސިޔާސަތު ހަދާއިރު މިނިސްޓަރުގެ ލަފާ ހޯދުން ކަމަށެވެ. އާޒިމްގެ ވާހަކަތަކުން ސިފަވަނީ ކަން ހިނގާ ގޮތް އެ ބޭފުޅާއަށް ސާފު ނުވުން ކަމަށެވެ. 

ފައްޔާޒު ވިދާޅުވީ އޭނާ ވައްކަމެއް ނުކުރާނެ ކަމަށެވެ. އަދި އޭނާއަށް އެފަދަ ތުހުމަތު ކުރާ ބޭފުޅުންނަށް ހީވާ ގޮތަށް "ބްރޯއަކަށް" މެސެޖްކޮށްގެން ކަމެއް ނުވެސް ކުރާނެ ކަމަށެވެ. އޭނާ ކުރިޔަސް އެ ބޭފުޅުންނަށް ނޭނގޭނެ ކަމަށާއި އެއަށްވުރެ ފެންވަރު ރަނގަޅުވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

"މި މަގާމުގައި އިނީމަ އެ ތުހުމަތު އަންނާނެ، އަޅުގަނޑުގެ މެންޑޭޓް ވަރަށް ބޮޑު، އިގުތިސޯދީ ކަންކަން ވީމަ އަޅުގަނޑާ ދޭތެރޭ އަންނާނެ، އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑު ބޭނުންވާ ގައުމަކަށް ހަދަން އަޅުގަނޑު އައިސް މި އިނީ، އަޅުގަނޑު ގަބޫލު ކުރަނީ ވަރަށް ގިނަ ރައްޔިތުން ވެސް ބޭނުން ވަނީ އެގޮތް ކަމުގައި، އެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް ގެނެސް މަސައްކަތް ކުރަމުން މިދަނީ،" ފައްޔާޒު ވިދާޅުވިއެވެ. 

"ހަމަ ގައިމު ވެސް މިއަދަކު އެއްވެސް ބޭފުޅަކަށް ވިދާޅެއް ނުވެވޭނެ ދައުލަތުގެ މިނިސްޓަރަކާ ގުޅިގެން އެފަދަ ތުހުމަތެއް އައިސްގެން ނުބެލޭނެ ގޮތެއް އޮންނާނެ ކަމަކަށް، ބެލޭނެ، ރައްޔިތުންގެ މަޖިލިސް އެ އޮތީ، ބަލަންވީ ހަމަ،" 

ފައްޔާޒު މިހެން ވިދާޅުވިއިރު ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ގުޅޭ ގޮތުން ކޮރަޕްޝަންގެ ތުހުމަތުވެ އެ މައްސަލަ އޭސީސީ އާއި ފުލުހުން ވަނީ ތަހުގީގުކޮށްފައެވެ. އަދި އޭނާގެ އެ މަގާމުގައި ހުންނަވަނިކޮށް ދައުވާ ކުރުމަށް މައްސަލަ ޕީޖީ އޮފީހަށް ވެސް އޭސީސީއިން ފޮނުވިއެވެ. 

"ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑު ވައްކަމެއް ނުކުރާނަން، އަދި ތި ވިދާޅުވާ ބޭފުޅުންނަށް ހީވާ ގޮތަށް ބްރޯއަކަށް މެސެޖްކޮށްލައިގެން ކަންކަން ކުރާ ގޮތަށް އަޅުގަނޑު ކުރިޔަސް ނުކުރާނަން، އެއަށްވުރެ ފެންވަރު ރަނގަޅުވާނެ އަޅުގަނޑުގެ، އަޅުގަނޑު ވައްކަން ކުރިޔަސް ނޭނގޭނެ އެ ބޭފުޅުންނަށް،" ފައްޔާޒު ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.