ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓާމެދު އެމްޑީޕީގެ އިސް މެންބަރުން ވެސް ސުވާލު އުފައްދައި ނުރުހުން ފާޅު ކުރައްވާފައިވާތީ، އެ ބަޖެޓް އަނބުރާ ގެންދިޔުމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ. އަންނަ އަހަރަށް ލަފާކޮށްފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި މި ބަޖެޓަކީ ދަރަނި ބޮޑު ބަޖެޓެއް ވެސްމެއެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.

ބަޖެޓްގައި ދަރަނި ބޮޑުވުމާއި ސަރުކާރުގެ ހަރަދު ބޮޑުވުމާ ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް، އީވާ އަބްދުﷲ ވެސް ވަނީ ސުވާލު އުފައްދަވާފައެވެ. ރައީސް ނަޝީދު ވަނީ ވޯޓު ދެއްވޭނަމަ، ބަޖެޓް ފާސްކުރުމަށް ވޯޓު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އީވާ ވިދާޅުވެފައިވަނީ ސަރުކާރު ފުޅާވެ، ދައުލަތް ހަނިވުމުން އުނދަގޫވާ ކަމަށެވެ. އެހެން ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ބަޖެޓް ކުޑަކޮށް، ސަރުކާރުގެ ހަރަދު ބޮޑުކޮށްފައިވާތީއެވެ. 

ބަޖެޓް ބަހުސް ވަރަށް ހޫނުކޮށް މިއަދު ކުރިއަށްދާއިރު، އިދިކޮޅަށް ނިސްބަތްވާ މެންބަރު މުހައްމަދު ސައީދު މިއަދު ބަހުސް ކުރައްވަމުން ވިދާޅުވީ ރައީސް ނަޝީދު ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފައިވުމަކީ ވިސްނަންޖެހޭ ކަމެއް ކަމަށެވެ. ބަޖެޓްގެ ސައްހަކަން މިއަދު ވަނީ ގެއްލިފައި ކަމަށާއި އެ މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށެވެ. ވެރިކަން ކުރަން ކޯލިޝަނެއް އޮތްއިރު ކަމެއް ގޯސްވާއިރަށް އެކަމުން އެމްޑީޕީ އެބަ ރެެކޭ ކަމަށެވެ. މިހާރު ހުށަހަޅާފައިވާ އޮތް ބަޖެޓަކީ ކޮން ޕާޓީއެއްގެ ކޮން ސަރުކާރެއްގެ ބަޖެޓަކާމެދުކަމާމެދު ސުވާލު އުފެދިއްޖެ ކަމަށެވެ. 

"ކަމެއް ގޯސްވާއިރަށް އެއީ އެމްއާރްއެމްއިން ހެދި ބަޖެޓެއް، އެއީ ޖުމްހޫރީ ޕާޓީއިން ހެދި ބަޖެޓެއް، އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ މި ބިޔަ މަޖިލީހުން ބަޖެޓްގެ ސައްހަކްން އެބަ ޖެހޭ ހޯދަން، ގާނޫނު އަސާސީ އާއި މާލިއްޔަތު ގާނޫނާއި ހަރަދަށް ޒިންމާވުމުގެ ގާނޫނާ ދިމާ އިދިކޮޅަށް މި ބަޖެޓް މިއޮތީ،" ސައީދު ވިދާޅުވިއެވެ. 

އެމްއެމްއޭއިން ބަޖެޓާމެދު ކަންބޮޑުވާ ކަމާއި އެކަށީގެންވާ މަޝްވަރާ ކޮށްފައިނުވާކަން ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ ފިޗްއިން ވެސް ދަރަނި ބޮޑު ބަޖެޓެއް ހުށަނޭޅުމަށް ލަފާ ދީފައިވާ ކަމަށާއި ރިޔާސަތުން ވެސް ބަޖެޓަށް ތާއިދު ނުކުރައްވާކަން ހާމަކުރައްވާފައިވާ ކުރެއްވުމަށް ތާއިދު ކުރައްވާ ކަމަށެވެ. މެންބަރު ސައީދު ވިދާޅުވީ ދުނިޔޭގެ އިގުތިސޯދު ތަޅުލެވިފައިވާ މި ހާލަތުގައި ރާއްޖޭގައި ހާރަކަށް ވިޔަސް ތަރާވީހަކަށް ވިޔަސް އެނބުރެނީ 57.9 ބިލިއަން ރުފިޔާ ކަމަށާއި ރައްޔިތުންގެ އަތްމަތި ދަތިވެ، ގޭގެ ކުލި ނުދެއްކޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. މިހާރު އޮތް ދަރަނި ބަޖެޓަށް އެއްވެސް ބަޔަކު ތާއިދު ނުކުރަނީ އެހެންވެ ކަމަށް ސައީދު ވިދާޅުވިއެވެ. 

"މިއަދު 35 ބިލިއަން ރުފިޔާގެ ބަޖެޓެއް، 23 ޕަސެންޓްގަ ހަރަދު އޮތްއިރު 62 ޕަސެންޓް ރިކަރެންޓް ހަރަދު އޮތްއިރުގަ، އަނެއްކާވެސް މި ބަރޯސާވާން މި ޖެހެނީ ޓެކްސްއަށް، 9.8 ބިލިއަން ޓެކްސް، ޓެކްސް ނޫން ފައިސާގެ ގޮތުގައި 5.8، އެއީ ރިސޯޓްގެ ކުލީގެ ގޮތުގައި ފަދަ ލިބޭ އާމްދަނީ، އެމްއެމްއޭ ލަފާގައި މިއޮތީއޭ ބުނެފަ އަންނަ އަހަރު ވެސް އެ ކުލި މާފުކުރަން ޖެހިދާނެ ކަމަށް،" ސައީދު ވިދާޅުވިއެވެ. 

މެންބަރު ސައީދު ވިދާޅުވީ އިހުގައި ސަރުކާރުން ފޮނުވާ ގޮތަށް ބަޖެޓް ފާސްކުރަން މެންބަރުން ތާއިދު ކުރައްވާ ކަމަށާއި މިއަދު ވެސް އިމާރާތް ބަދަލުވެފައި ހުއްޓަސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށެވެ. ތަނާއި އަހަރު ބަދަލު ވިޔަސް ސިކުނޑީގައި ހަމަ ހުރީ އެކައްޗެއް ކަމަށެވެ. 

"ދެން ކީއްކުރަންތޯ 65 މެންބަރުން މި ބުނަނީ، ތިޔަ މެންބަރުންގެ ގާތުގައި ރައްޔިތުން އެ ބުނަނީ ތިހެން ނުހަދާށޭ،" ސައީދު ވިދާޅުވިއެވެ. 

ސައީދު ވިދާޅުވީ 2021 ވަނަ އަހަރު ނިމޭއިރު 82.8 ބިލިއަން ރުފިޔާގެ ސްޓޮކެއް ޖަމާވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމުނުއިރު ހުންނާނީ 40 ބިލިއަން ރުފިޔާ ކަމަށެވެ. އެއީ އުމްރާނީ ބޮޑެތި މަޝްރޫއުތައް ވެސް ކުރިއަށް ގެންދިޔުމާ އެކުގައި ކަމަށެވެ. ބޮލުގައި ދަރަނި ނާޅުވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، މުޅި ހަތަރެސް ފައިގައި ދަރަނި އަޅުވާފައިވާ ކަމަށެވެ. އެހެންވީއިރު މި ބަޖެޓްގެ ސައްހަކާމެދު ވާހަކަ ދެއްކުމުގެ ފުރުސަތެއް ނެތް ކަމަށެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.