ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވީޑިއޯ ނުޖައްސަވާ، ޖަލްސާގައި ބަހުސްކުރައްވާ މައްސަލަ ރިޔާސަތުގެ ސަމާލުކަމަށް ގެންނަވައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި އެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަނީ އޮންލައިންކޮށް ކަމަށްވާއިރު، މި ޖަލްސާތަކުގައި މެމްބަރުން ވާހަކަދައްކަވާއިރު ވީޑިއޯ 'އޮން' ކޮށްގެން ވާހަކަދެއްކެވުމަށް މަޖިލީހުގެ ރައީސް މުހަައްމަދު ނަޝީދު އަބަދުވެސް އިލްތިމާސްކުރައްވައެވެ.

އެހެންނަމަވެސް، މިއަދު އޮންލައިންކޮށް ކުރިއަށްގެންދާ މަޖިލިސް ޖަލްސާގައި ބައެއް މެމްބަރުން ވަނީ ވީޑިއޯ އޮންކޮށްގެން ވާހަކަނުދައްކަވާ މައްސަލަ ރިޔާސަތުގެ ސަމާލުކަމަށް ގެންނަވާފައެވެ. އެގޮތުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވާހަކަދައްކަވަނިކޮށް ނިޒާމީ މައްސަލައެއް ނަންގަވާ ވާހަކަދައްކަވަމުން ދިއްގަރު ދާއިރާގެ މެމްބަރު އިކުރާމް ހަސަން ވަނީ ތަކުރާރުކޮށް މި މައްސަލަ ރިޔާސަތުގެ ސަމާލުކަމަށް ގެންނަވާފައެވެ.

އޮންލައިންކޮށް އަޅުގަނޑުމެން މީޓިންގ ތައް ބަންދުކޯށްލީރުގައި ވީޑިއޯ ޖައްސައިގެން ގެންދާގޮތަށް އިނގޭތޯ ނިންމާފަ ވަނީ. އެހެންމަ ކޮންމެ ބޭފުޅަކުވެސް ވާހަކަދައްކަވާއިރު ވީޑިއޯ އަށް ތައްޔާރުުވެ، ޖައްސައިގެން ވާހަކަދެއްކުމަކީ މުހިއްމު ކަމެއް އޮންލައިންކޮށް މީޓިންގތައް ބާއްވަމުންދާއިރު.

އިކުރާމް ދެއްކެވި ވާހަކައަށް މިއަދު ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ވީޑިއޯ ޖައްސަވައިގެން ވާހަކަދެއްކެވޭ މެމްބަރުން ގެންދަވަނީ އެގޮތަށް އަމަލުކުރަމުން ކަމަށެވެ. މިހެން ވިދާޅުވުމަށްފަހު އަފީފް ވަނީ ސައީދަށް ވާހަކަފުޅު ކުރިއަށް ގެންދެވުމަށް ފުރުސަތު ދެއްވާފައެވެ. އަދި ސައީދު ވާހަކަދައްކަވަނިކޮށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވެސް ނިޒާމީ މައްސަލައެއް ނަންގަވާ ވީޑިއޯގެ މައްސަލަ ރިޔާސަތުގެ ސަމާލުކަމަށް ގެންނެވިއެވެ.

އޭނާ ވިދާޅުވީ ވީޑިއޯ ނުޖައްސަވާ ވާހަކަދެއްކެވުމުން އެއީ ކޮން މެމްބަރެއްކަން ހަމައެކަނި އަޑުން ސާފުނުވާ ކަމަށެވެ. އަދި ވާހަކަދައްކަވަނީ މެމްބަރުކަން ކަށަވަރުނުވާ 0.ހިނދަކު، އެގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މަޖިލިސް ޖަލްސާގައި ބައިވެރިވެވެނީ މަޖިލީހުގެ މެމްބަރަށް. މަޖިލިސްގެ މެމްބަރުކަން އެބަ ޔަގީންވާން ޖެހޭ ޖަލްސާގައި ބައިވެރިވެއިނީ. އެހެންވީމާ ރިޔާސަތުން ކޮންމެ ފަހަރަކު ވީޑިއޯ ނުޖެއްސޭތީ ދޫކޮށްލާތީ ސަމާލުކަމަށް މި ގެނައީ.

އަފީފް ވިދާޅުވީ، ވީޑިއޯ ނުޖެއްސެވިޔަސް ވާހަކަދެއްކެވުމުގެ ފުރުސަތު ދެއްވަނީ މެމްބަރުގެ އަޑުން އެއީ ކޮން މެމްބަރެއްކަން ކަށަވަރުވާތީ ކަމަށެވެ. އޭނާ މިހެން ވިދާޅުވި ނަމަވެސް އިކުރާމް ވަނީ އަނެއްކާވެސް ނިޒާމީ މައްސަލައެއް ނަންގަވާ، ރައީސް ނަޝީދުވެސް އެކަމަށް އިލްތިމާސްކުރައްވާއިރު، ޖަލްސާތަކުގައި ވީޑިއޯ ޖެއްސެވުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.