ނަފްރަތުގެ އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތައް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލަށް ކަމާ ބެހޭ އިދާރާތަކުގެ ލަފާ ހޯދަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.
މި ބިލު ކޮމިޓީއަށް ދިރާސާކުރަން ފޮނުވީ އިއްޔެއެވެ. މި ބިލު ބަލައިގަތުމަށް ފާސްވީ 38 ވޯޓާއި އެކުއެވެ.
ރޭ އޮތް ކޮމިޓީ ބައްދަލުވުމުގައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އިސްލާމިކް މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގެ ލަފާ ހޯދުމަށް ނިންމާފައެވެ. ކޮމިޓީން އަމާޒު ހިފާފައިވަނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ކުރިން މި ބިލުގެ މަސައްކަތް ނިންމާލުމަށެވެ.
ދީނާއި ގުޅުވައިގެން ނަފްރަތު އުފެއްދުމުގެ އިތުރުން މި ބިލުގައި މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި ތަފާތުކުރުމަށް ގޮވާލާ، ހިތްވަރު ދިނުމަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ހިމަނާފައެވެ.
މި ބިލު ސަރުކާރުން ހުށައެޅި މަގްސަދަކީ ނަފްރަތުގެ އަމަލަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމެވެ. އެހެންނަމަވެސް، ހިސާން މި ބިލު ހުށައެޅުއްވުމާއި އެކު އޭނާއަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެގެންދިޔައެވެ. ބައެއް ފަރާތްތަކުން ބުނަމުންދަނީ މި ބިލަކީ ލާދީނިއްޔަތު" ފެތުރުމުގެ މަގްސަދުގައި ހުށައެޅި ބިލެއް ކަމަށެވެ.