ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓާމެދު ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅުންގެ ނުރުހުން ހާމަ ކުރައްވައިފިއެވެ. އަންނަ އަހަރަށް ލަފާކޮށްފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި މި ބަޖެޓަކީ ދަރަނި ބޮޑު ބަޖެޓެއް ވެސްމެއެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.

ބަޖެޓް ބަހުސް ވަރަށް ހޫނުކޮށް މަޖިލީހުގައި ކުރިއަށްދާއިރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، ބަޖެޓަށް ވޯޓު ދެއްވޭނަމަ، ވޯޓު ނުދެއްވާނެ ކަމަށެވެ. މަޖިލީހުގެ ރައީސަށް ވޯޓުގައި ބައިވެރިނުވެވޭނެއެވެ. 

ރައީސް ނަޝީދުގެ ކަންބޮޑުވުމަކީ ބަޖެޓުގައި ހިމަނާފައިވާ ޑެފިސިޓް އަދަދުތަކެވެ. ރައީސް ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި، ބަޖެޓް އޮތް ގޮތަށް ފާސްކޮށްފިނަމަ މޫޑިސް އިންވެސްޓާ ސާވިސަސްއިން ރާއްޖެއަށް ދޭ ދަރަނީގެ ރޭޓިންއަށް ބަދަލު ގެންނާނެއެވެ. މިހާރު ވެސް މޫޑިސް އިންވެސްޓާ ސާވިސަސްއިން ވަނީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ރޭޓިން، ބީ2 އިން ބީ3 އަށް ދައްކޮށްފައެވެ. 

މީގެކުރީ ދުވަހު ވެސް ރައީސް ނަޝީދު ވަނީ ބަޖެޓްގައި ހިމަނާފައިވާ ކަންކަމަކީ ވާނެ ކަމެއް ކަމަށް އެއްވެސް މީހަކު ގަބޫލު ކުރާނެ ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވެ، ބަޖެޓް "ޅޮސް ލަކުޑި"ގެ ގޮތުގައި ސިފަ ކުރައްވާފައެވެ. 

ރައީސް ނަޝީދުގެ އިތުރުން، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ ބަޖެޓާމެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ކަންބޮޑުވުމަކީ ކޮވިޑާއެކު އިނދަޖެހިފައިވާ އިގުތިސޯދު އަލުން ކޮޅަށް ޖަހަން ސަރުކާރުން ފައިސާ ޕަންޕުކުރުމަށް ނިންމާފައިވާ ކައުންޓާސިކްލިކަލް ފިސްކަލް ޕޮލިސީއެވެ. 

އީވާ ވިދާޅުވީ އެ ޕޮލިސީއަކީ ސްޓިމިއުލަސް ޕޮލިސީއެއްކަން ވިސްނޭ ކަމަށާއި ނަމަވެސް އެ ޕޮލިސީ ހިނގާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އެ ކަންބޮޑުވުން މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް ވެސް ވަނީ ބަޖެޓް ކޮމިޓީގައި ފާހަގަ ކުރައްވާފައެވެ. އީވާ ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ބަޖެޓްގައި އާމްދަނީގެ ގޮތުގައި ލިބޭނެ އަދަދު ދަށްކަމާއި ހަރަދު އިންތިހާއަށް ބޮޑުއިރު ބަޖެޓްގައި ހިމަނާފައިވާ ޕީއެސްއައިޕީ މަޝްރޫއުތައް ނުހިންގޭނެ ކަމަށެވެ. އަދި އެކަން ރައްޔިތުން ވެސް ގަބޫލު ނުކުރާނެ ކަމަށެވެ. އެހެންވެ ކޮންމެހެން ހިންގަން ޖެހޭ މަޝްރޫއުތަކަށް އިސްކަންދީ، ބައެއް މަޝްރޫއުތައް އުނި ކުރަން ޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ. 

އީވާ އިތުރަށް ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ބަޖެޓްގައި މާލީ ސިޔާސަތާއި ވިސްނުމާއި ނިޔަތް އޮތް ގޮތުން ދިވެހި ކުންފުނިތަކާއި ދިވެހިންނަށް ހަގީގީ މަންފާ ލިބޭނެ ކަމާމެދު ވެސް ސުވާލު އުފެދޭ ކަމަށެވެ. އީވާގެ ދެން އޮތް ކަންބޮޑުވުމަކީ ރިކަރަންޓް ހަރަދު ބޮޑުވުމެވެ. އާމްދަނީގެ 62 ޕަސަންޓް ރިކަރަންޓް ހަރަދަށް ހެދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. މިނިވަން މުއައްސަސާތަކުގެ ބަޖެޓް ވެސް ކުޑަކޮށް ސަރުކާރުގެ ހަރަދު އިތުރުކޮށްފައިވާތީ، އީވާ ވިދާޅުވީ ސަރުކާރު ފުޅާކޮށް، ދައުލަތް ހަނި ކުރީމާ އުނދަގޫ ކަމަށެވެ. 

އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވެސް ވަނީ ސަރުކާރުގެ އުސޫލަކާމެދު މިއަދު ކަންބޮޑުވުން ފާޅު ކުރައްވައި ވާހަކަ ދައްކަވާފައެވެ. އެގޮތުން، އޭނާ ކަންބޮޑުވުން ފާޅު ކުރެއްވީ ސަރުކާރުން ގިނަ ކުންފުނިތަކެއް ހަދަމުންދާ މައްސަލާގައެވެ. އަލީ އާޒިމް، ތުހުމަތު ކުރައްވާ ގޮތުގައި އެއީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބާރުގަދަ ކުރެއްވުމަށް ކުރާ ކަމެކެވެ. 

އާޒިމް ވިދާޅުވީ ސަރުކާރުން އާންމު ވިޔަފާރިތަކުގެ ތެރެއަށް ނުވަނުމަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ދެ އަހަރުގެ ތެރޭގައި 10 އަށްވުރެ ގިނަ ކުންފުނި ހަދައިފި ކަމަށެވެ. އެ ކުންފުނިތަކުން އެއްވެސް ކަމެއް ކޮށްފައިނުވާކަން ވެސް ފާހަގަ ކުރެއްވިއެވެ. އެއީ އެސްއޯއީތަކުގެ ބާރު ވެސް ގެނެސް އަމިއްލަ މިނިސްޓްރީ ތެރެއަށް ވައްދައި ބޮޑު މިނިސްޓަރު ހެދިގެން އިންނަން ކުރާ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.