އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން, ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދާއި ހަމަޔަށް 35 ޤައުމަކުން އދއަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ބައްދަލުކުރައްވަފައިފިއެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ, ޢާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، އދގެ މެމްބަރު ޤައުމުތަކާއެކު މަތީފަންތީގައި މަޝްވަރާތަކާއި ބައްދަލުވުންތައް ބާއްވަވަން ވައުދުވެވަޑައިގެންނެވިކަމަށާއި، އެވަޢުދާ އެއްގޮތަށް މިހާތަނަށް 35 ޤައުމަކުން އދއަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ބައްދަލުކުރައްވައި، އެމަނިކުފާނު ހުށަހެޅުއްވި "އުއްމީދުގެ ރިޔާސަތު" ކުރިއަށްގެންދާނެ ގޮތަކާއި އަދި އާއްމު މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ.
އަދި ކުރިއަށް އޮތްތަނުގައިވެސް މި މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރެއްވިއިރު މިނިސްޓަރ ޝާހިދު ވަނީ ދުނިޔޭގެ ހުރިހާ ގައުމެއްގެ އެކި ލެވެލްގެ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ.
އިއްޔެ މިނިސްޓަރ ޝާހިދު ވަނީ އދގެ މެމްބަރު ޤައުމުތަކުގެ ހަތަރުބައިކުޅަ އެއް ބައި ހިއްސާކުރާ އެފްރިކާ ސަރަހައްދުގެ، ސަރަހައްދީ ޖަމްއިއްޔާ އެފްރިކަން ޔޫނިއަން އިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ފާތިމާ މުހައްމަދު އާއި ބައްދަލުކުރައްވައި، މަޝްވަރާކުރައްވާފައެވެ.
As PGA-elect I had promised a high level of dialogue &engagement with the membership!
Since my election, a week ago, I have met with 35 Permanent Representatives, to seek their views on the implementation of the #PresidencyOfHope and the work of the #UNGA
I intend to continue! pic.twitter.com/yn8ugSDmJT
— Abdulla Shahid (@abdulla_shahid) June 16, 2021
މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢަބްދުﷲ އަލްމުޢައްލިމީ ވަނީ މިނިސްޓަރ ޝާހިދު އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނުގެ ޝަރަފުގައި ރަސްމިއްޔާތެއް ބާއްވަވާފައެވެ. މި ރަސްމިއްޔާތުގައި އދގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އާމިނާ މުހައްމަދް ވެސް ބައިވެރިވެވަޑައިގަތެވެ.