ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ އިސް ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ. އެމަނިކުފާނު އެބޭފުޅުންނާއި ބައްދަލުކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ ސަރުކާރާއި އެހެނިހެން މުވައްސަސާތަކަށް މެދުވެރިކޮށް ޑައިބިޓީސް ސޮސައިޓީއަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި، އެ ޖަމުޢިއްޔާއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުގެ މަޢުލޫމާތު އެމަނިކުފާނު ސާފުކުރެއްވިއެވެ. މީގެ އިތުރުން، ނައިބް ރައީސް ވަނީ ޑައިބިޓީސް ސޮސައިޓީއިން ކުރަމުންދާ ބުރަ މަސައްކަތާއި ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ފާހަގަކުރައްވާ، އެ ތަނުގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދައްނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޑައިބިޓީސް ސޮސައިޓީގެ އިސް ބޭފުޅުން ވަނީ އެ ބޭފުޅުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު ނައިބު ރައީސްއާ ޙިއްޞާކުރައްވާފައެވެ. ހަމަ އެއާއެކު އެ ބޭފުޅުން ވަނީ ކުރިއަށްއޮތް ދުވަސްތަކުގައި އެ ޖަމުޢިއްޔާއިން ކުރިއަށްގެންދަން ރާވާފައިވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ވެސް ޙިއްޞާ ކުރައްވާ، އެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެހީތެރިކަން ބޭނުންވާ ދާއިރާތައް ނައިބް ރައީސަށް ދަންނަވާފައެވެ.
ހަމައެހެންމެ ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ޚިދުމަތްދިނުމާ ގުޅޭ ގައިޑްލައިނެއް އެކުލަވައިލުމާ ގުޅޭގޮތުން ވެސް އެ ބޭފުޅުން ނައިބް ރައީސްއާ މަޝްވަރާ ކުރެއްވިއެވެ. ޑައިބިޓީސް ސޮސައިޓީއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އާއްމުން ހޭލުންތެރިކޮށް އެކަމާއި ގުޅޭ ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުން އަންނަ ޖަމްއިއްޔާއެކެވެ.