ފަހުވަގުތު 2 ލަނޑު ކާމިޔާބުކޮށް، ޔޫރޯގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ކްރިސްޓީއާނޯ ރޮނާލްޑޯ ކަށަވަރު ކުރިއިރު، ހަންގޭރީ އަތުން ޕޯޗުގަލް 3 ޕޮއިންޓް ހޯދައިފިއެވެ.
މިރޭ ހަންގޭރީގައި 67،000 ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ޕޯޗުގަލްއިން ރަނގަޅު ކުޅުމެއް ދައްކަމުންދިޔައިރު، ހަންގޭރީ ފެނިގެންދިޔައީ ޑިފެންސިވްކޮށެވެ. މިއާއެކު، ހަންގޭރީގެ ގޯލު ފޫއަޅުވާލަން ޕޯޗުގަލްއަށް ދަތިތަކާ ވަނީ ކުރިމަތިވެފައެވެ.
މި ހާފްގައި ޕޯޗުގަލްއަށް ލަނޑު ޖެހުމަށް މަދުން ނަމަވެސް ފުރުސަތުތަކެއް ލިބިފައިވާއިރު، އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ. އަދި ބައިކޮޅަށް ލަނޑެއް ވަނެ ނުދިނުމަށް ހަންގޭރީ ޓީމުން ވަނީ މި ހާފްގައި މޮޅު ޑިފެންސެއް ކޮށްފައެވެ.
ދެވަނަ ހާފް ފެށިގެން ޕޯޗުގަލްއިން އެޓީމުގެ އެޓޭކްތައް ވަރުގަދަކުރިއިރު، ހަންގޭރީންވެސް ދިޔައީ ކައުންޓަރ އެޓޭކުގައި ޕޯޗުގަލްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ދެޓީމަށްވެސް ލީޑު ނެގުމަށް މި ހާފްގައި ގިނަ ފުރުސަތުތަކެއް ލިބުނެވެ.
🇵🇹 Cristiano Ronaldo = all-time EURO top scorer 🔥
⚽️1⃣1⃣ #EURO2020 pic.twitter.com/Df3N84J5Er
— UEFA EURO 2020 (@EURO2020) June 15, 2021
ޕޯޗުގަލްއިން މެޗުގެ ލީޑު ނެގީ 84 ވަނަ މިނެޓުގައި ރަފައެލް ގެރޭރޯ ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ 2 މިނެޓު ފަހުން ޕޯޗުގަލްއަށް ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ލީޑު ފުޅާކޮށްދިންއިރު، އިތުރު ވަގުތުގައި ރަފާ ސިލްވާގެ އެހީތެރިކަމާއެކު އޭނާ ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ.
މި 2 ލަނޑާއެކު މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ރޮނާލްޑޯ ހޯދިއިރު، އޭނާ ވަނީ މުބާރާތުގައި މިހާތަނަށް ޖުމްލަ 11 ލަނޑު ކާމިޔާބުކޮށްފައެވެ. މި ލުިސްޓުގެ 2 ވަނަިއިގައި އޮތީ ފްރާންސްގެ މިޝޭލް ޕްލެޓިނީއެވެ.
ޕޯޗުގަލް އާއި ހަންގޭރީ ހިމެނޭ ގްރޫޕް އެފްގައި ދެން ހިމެނެނީ ފްރާންސް އަދި ޖަރުމަނެވެ.