ސްޓެރެޓެޖިކް އެކްޝަން ޕްލޭނާއި އެއްގޮތަށް ޒުވާނުން ކުރިއެރުމުގައި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.
މިއަދު ޔޫތު މިނިސްޓްރީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެމް.އޯ.ޔޫގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރީ މިނިސްޓަރު އަހްމަދު މަހްލޫފްއެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ފައްޔާޒް އިސްމާއީލްއެވެ.
ޔޫތު މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި މިއީ ޒުވާނުން ކުރިއެރުމުގައި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށް ކަމާބެހޭ އެކިއެކި ފަރާތުގެ އެހީތެރިކަން ހޯދުމުގެ ގޮތުން ދެ މިނިސްޓްރީގެ ދެމެދުގައި ސޮއި ކުރެވުނު އެމް.އޯ.ޔޫއެކެވެ. މި އެމް.އޯ.ޔޫގެ ސަބަބުން ދެ މިނިސްޓްރީ ވެސް ގުޅިގެން ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތްތައް ރާވާ ހިންގުމަށް ފަސޭހަވެގެންދާނެ ކަމަށް ހާމަކޮށްފައިވެއެވެ.
މި އެމް.އޯ.ޔޫ ގެ ދަށުން ކުރެވޭ މަސައްކަތްތައް ކުރުމަށްޓަކައި ދެ މިނިސްޓްރީ ޝާމިލްވާގޮތަށް ކޮމިޓީއެއް އެކުލަވާލެވިގެން މަސައްކަތްކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން، މި ކޮމިޓީއިން ޒުވާނުންނަށް ޖެހޭ މައްސަލަތައް ދިރާސާކޮށް ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ރޭވޭނެ ހަރަކާތްތައް ދެނެގަތުމުގެ އިތުރުން، ވަޒީފާ އަދާނުކުރާ ޒުވާނުންނާއި ގުޅޭ މައްސަލަތަކަށް ހައްލު ގެނައުމަށް އެކްޝަން އޮނިގަނޑެއް އެކުލަވާލާނެއެވެ.
މީގެއިތުރުންވެސް، ވަޒީފާ އަދާކުރުމާއި ވިޔަފާރިކުރުން ޒުވާނުންގެ މެދުގައި ޕްރޮމޯޓްކޮށް، ޔޫތު ސެންޓަރުތައް ރިޕަރޕަސްކޮށް އިނޮވޭޓިވް ލެބްތަކެއް ޤާއިމްކޮށް ޒުވާނުން އިކޮނޮމިކަލީ އެމްޕަވަރ ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ކޮމިޓީއިން ކުރާނެއެވެ. އަދި، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ޖޮބް ސެންޓަރުތަކުގެ ޚިދުމަތް ވަލްނަރެބަލް ޒުވާން އަންހެނުންނަށާއި ފިރިހެނުންނަށް ފޯރުކޮށްދިނުމުގެ އިތުރުން، އިކޮނޮމިކް މިނިސްޓްރީގެ ކެރިއަރ ޕޯޓަލްއަށް އެޓް ރިސްކް ޒުވާނުން ހިމެނުމަށް ކޯޑިނޭޓްކުރުން ހިމެނެއެވެ.
ޒުވާނުން ބާރުވެރިކޮށް، ވަޒީފާގެ ބާޒާރުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް ޔޫތު މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ސްޓެރެޓެޖިކް އެކްޝަން ޕްލޭން 2019-2023 ގައި ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެއެވެ.