ސެލޫންތަކާއި، ބޯކޮށާތަންތަނުން ހިދުމަތް ދިނުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު އެޗްޕީއޭއިން ހުޅުވާލައިފިއެވެ.
އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ބުނީ، ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މާދަމައިން ފެށިގެން ލުއި ދޭން ނިންމާފައި ވާތީ، މާލެ ސަރަހައްދުގައި ހިންގާ ސެލޫންތަކާއި ބޯކޮށާ ތަންތަނުން އެޕޮއިންޓްމަންޓް އުސޫލުން ހިދުމަތް ދިނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން، އެ ހުއްދައަށް އެދި ހުށަހަޅަން އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ހުއްދައަށް އެދި އެޗްޕީއޭއަށް މެއިލް ކުރަން ޖެހެނީ އެ އެޖެންސީގެ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ދިނުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު ތައްޔާރުކޮށް، އެ އުސޫލާވެސް އެކުއެވެ. އެގޮތުން ތަނުގައި މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ގަޑިއާއި، ދުވާލެއްގެ މައްޗަށް ހިދުމަތް ދެވޭނެ މީހުންގެ އަދަދުގެ އިތުރުން އެޕޮއިންޓްމަންޓް ހެދުމަށް ކަނޑައަޅާގޮތް ވެސް އެ އުސޫލުގައި ބަޔާންކޮށްފައި އޮންނަން ޖެހޭނެއެވެ.
މި މައުލޫމާތުތަކާއެކު ހިދުމަތް ފެށުމުގެ ހުއްދައަށް އެދުމުން، އެޗްޕީއޭއިން ގޮސް ތަން އިންސްޕެކްޓް ކުރުމަށްފަހު، ހިދުމަތް ފެށުމަށް ހުއްދަ ދޭން ވަނީ ނިންމާފައެވެ. އެގޮތުން ހުށަހަޅާ އުސޫލު ރިވިއުކޮށް އިންސްޕެކްޝަން ހަދައި، 48 ގަޑިއިރުތެރޭ ހުއްދަ ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ، މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ 7264574 އަށް ގުޅުމުން މައުލޫމާތު ސާފުވާނެ ކަމަށެވެ. އަދި އެ ނަންބަރަށް ގުޅޭނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 6:00 އަށް ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އެ އެޖެންސީން ބުނީ ކޮވިޑް-19އާ ގުޅިގެން އާންމުކޮށްފައިވާ ގައިޑްލައިންތަކުގެ މައުލޫމާތު ކޮވިޑަށް ހާއްސަ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.