ދިނީ ގޮތުން ހައްދުފަހަނައެޅުމާއި ދީނަށް ފުރައްސާކުރުން ނައްތާލުމަށް ބުއްދިވެރިކަމާއެކު މަސައްކަތްކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހްމަދު ވިދާޅުވެއްޖެއެވެ.

އިސްމާއިލް މިގޮތަށް ވިދާޅުވީ ނަފްރަތުގެ އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތައް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އެ ބިލަށް ތާއީދު ކުރައްވާކަން ހާމަކުރައްވަމުންނެވެ.

މި ބަހުސްގައި ވާހަކަ ދައްކަވަމުން އިސްމާއިލް ވިދާޅުވީ އެއް ބަޔަކު އަނެއް ބަޔެއްގެ މެދުގައި ނަފްރަތު އުފެދި މީގެކުރިން ނުވެއްޓޭފަދަ ބިރުވެރި ހާލަތެއްގެ ތުންފަތް މައްޗަށް ރާއްޖެ ވެއްޓިފައިވާ ކަމަށެވެ. މިފަދަ ގާނޫނެއް މެދުވެރިކޮށް އިންތަކާއި މިންތައް ވަކިކޮށް ރައްޔިތުންނަށް ހަމަޖެހުން ހޯދައިދިނުން އިންތިހާއަށް މުހިންމު ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދީނީ ހަރުކަށި ކުރުމާއި ދީނަށް ފުރައްސާކުރުމަކީ އިންސާނާގެ އަގީދާއާ ގުޅިފައިވާ ކަމެއް ކަމަށް ވިދާޅުވެ އިސްމާއިލް ވަނީ މި ދެ މައްސަލައަކީ ވެސް ހަމަހަމަކަމާއި ހިިކުމަތްތެރިކަމާއެކު ހައްލު ހޯދަން ޖެހޭ ދެ މައްސަލަ ކަމަށް ވިދާޅުވެފައެވެ. އަދި ދެ މައްސަލައިގެ ހައްލު ހޯދަން ވެސް އަވަސް ވެގަންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްލާމް ދީނަށް ފުރައްސާކުރާ ފަރާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ބައެއް މާއްދާތައް ހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަމާއި، އެކުވެރި އާއިލީ ގުޅުންތަކާއި ރިވެތި އިސްލާމީ ސިފަތައް ނެތިކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ބޭރުގެ ގައުމުތަކުގެ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމާއި މީހުން ކާފަރުކުރުން ފަދަ ކަންކަން ހަރުކަށި ފިކުރުގެ މީހުން ކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ބިލުގައި ވަނީ ނަފްރަތު އުފެއްދުމަށް ހިތްވަރު ދިނުމާއި އެއާއި ގުޅޭ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހިމަނާފައެވެ. އަދި މި ފަދަ އަމަލުތަކަށް ކަނޑައަޅާ އަދަބުވެސް ހިމަނާފައިވެއެވެ.

ނަފްރަތުގެ ކުށް ބަޔާންކުރާ ބިލްގައިވާ ބައެއް ކަންކަން:

  • ޢާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުން
  • އިސްލާމީ ޢަޤީދާއާ ގުޅުވައި މުޖުތަމަޢުގައި މީހަކާމެދު ނަފްރަތު އުފެއްދުން؛
  • އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން
  • އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުން

މިފަދަ އަމަލަކަށް ހިތްވަރު ދިނުމަކީ ޖުނަހް 1 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވެއެވެ. އެ ކުށަށް ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ 1 އަހަރުގެ ޖަލު ހުކުމެކެވެ.

އެ އަމަލުތަކުގެ އިތުރުން މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން ނުވަތަ އެފަދަ ޢަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލުގައި ހިމަނާފައިވެއެވެ. މިއީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެެއް ކަމަށް ހިމަނާފައިވާއިރު މި ކުށް ކުރާ މީހަކަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ ދެ އަހަރުގެ ޖަލު ހުކުމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.