އުތުރުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހޯރަފުށީ އެއާޕޯޓު ހުޅުވުން އަނެއްކާވެސް ފަސްކޮށްފިއެވެ.

ހއ.ހޯރަފުށީ އެއާޕޯޓު ހުޅުވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތެއް ބޭއްވުމަށް އޮތީ ހަމަޖެހިފައެވެ. މިއީ ކޮވިޑްއާއެކު މާލެ ލޮކްޑައުން ކުރި ފަހުން ރައީސް ސޯލިހު، މާލެއިން ބޭރު ރަށަކަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުކުރެވޭނެ ފަދަ މާހައުލެއް ނެތި، ރަސްމިއްޔާތު ވަނީ އަނެއްކާވެސް ފަސްކޮށްފައެވެ.

ރަސްމިއްޔާތު ފުރަތަމަ ތާވަލު ކުރެވުނީ އިއްޔެގެ ހަވީރަށެވެ. އެހެންނަމަވެސް އުތުރުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައިވުމާ ގުޅިގެން މިއަދަށް ރަސްމިއްޔާތު ފަސްކުރީއެވެ. ޓްރާންސްޕޯޓް މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި، މިއަދު ރަސްމިއްޔާތު ބާއްވާނެ ފަދަ މާހައުލެއް ނެތުމުން މާދަމާއަށް ރަސްމިއްޔާތުވަނީ ފަސްކޮށްފައެވެ. އެހެންނަމަވެސް، މާދަމާ މޫސުން ގޯސް ކަމުގައި ވާނަމަ އަނެއްކާވެސް ރަސްމިއްޔާތު ބޭއްވުން ފަސްކުރުމަށް ވަނީ ނިންމާފައެވެ.

އެމްޓީސީސީއިން ކުރިއަށް ގެންދިޔަ ހޯރަފުށީ އެއާޕޯޓްގެ މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އެ އެއާޕޯޓް ސިފަ ވަނީ ވަރަށް ރީތި އެއާޕޯޓެއްގެ ގޮތުގައެވެ. ހޯމަ ދުވަހުގެ ހެނދުނު ހޯރަފުށީ އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓެއް ޓެސްޓް ފްލައިޓެއްގެ ގޮތުގައި ވަނީ ޖައްސާފައެވެ.

ހޯރަފުށީ ކައިރީ ފަޅު ރަށެއްގައި އެއާޕޯޓް އެޅުމަށް އެންމެ ފުރަތަމަ ވައުދުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. ނަމަވެސް އެ ސަރުކާރަށް މަޝްރޫއު ފެށޭ ވަރެއް ނުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމީ ހޯރަފުށީ ފަޅު ހިއްކައިގެން އެއާޕޯޓް އެޅުމަށެވެ. އަދި ސަރުކާރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.