ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރު މާޗު މަހުގެ 6 ވަނަ ދުވަހަށް ޝެޑިއުލްކޮށްފިކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. 

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ މި އަހަރުގެ އޭޕްރީލް މަހުއެވެ. ނަމަވެސް ކޮމިޑް-19ގެ ހާލަތު މާލޭގައި ގޯސްވުމާ ގުޅިގެން އިންތިހާބު، ގާނޫނަށް ބަދަލު ގެނެސްގެން ފަސްކުރިއެވެ. އަދި ދައުރު ހަމަވެފައިވާ ކައުންސިލަރުންގެ ދައުރު ދަންމާލިއެވެ. 

މިރޭ ރާއްޖެޓީވީ އިން ގެނެސްދިން ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީސީގެ ރައީސް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށް ގާނޫނަށް ގެނެވުނު ބަދަލުތަކުން، އިންތިހާބު ބާއްވާނެ ތާރީހެއް އީސީއިން އިއުލާންކުރަންޖެހެނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ އެއް ހަފްތާ ތެރޭގައިކަމަށެވެ. އެހެންނަމަވެސް، ކައުންސިލް އިންތިހާބު ބޭއްވުމަށް ގިނަ ތައްޔާރީތަކެއް ވާން ޖެހޭތީ ވަކި ދުވަހެއް ކަނޑައަޅައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ދުވަހަކީ މާޗު 6ވަނަ ދުވަސްކަމަށެވެ. ޝަރީފް ވިދާޅުވީ މިއީ ރަސްމީކޮށް ނިންމުމެއް ނޫން ކަމަށެވެ.

މާޗު 6 ވަނަ ދުވަަހަށް ޝެޑިއުލްކުރަން ނިންމީ މުހިންމު ގިނަ ކަންތައްތަކަކަށް ރިއާޔަތް ކޮށްފައިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އެގޮތުން، އިންތިހާބު ބާއްވަން ގާނޫނުން ދީފައިވަނީ ކައުންސިލް އިންތިހާބު ފަސްކުރުމުގެ ބިލު ރައީސް ތަންފީޒުކުރައްވާތާ އެއް އަހަރު ދުވަހެވެ. އެހެންނަމަވެސް ރަމަޟާން މަސް އަންނަ އަހަރު އައުމުގެ ކުރިން އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް އީސީ އިން ބޭނުންވާކަމަށް ވިދާޅުވިއެވެ. އިތުރަށް ޝަރީފް ވިދާޅުވީ، ކެމްޕޭން ކުރުމަށް ކެނޑިޑޭޓުންނަށް ގާނޫނުން ދިނުމަށް ލާޒިމްކުރާ މުއްދަތުވެސް ލިބޭނެކަމަށެވެ.

ކައުންސިލަރުންގެ ދައުރު ދަންމާލައި އިންތިހާބު ފަސްކޮށްފައިވަނީ ދެން އިންތިހާބު ބޭއްވުމަށް ސީދާ ވަކި ތާރީހެއް ކަނޑައެޅުމަކާ ނުލާއެވެ. ކައުންސިލް އިންތިހާބު މާޗުމަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އީސީގެ މެންބަރު ފުއާދުވެސް ވަނީ ކުރިން ވިދާޅުވެފައެވެ. އަދި އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވެސް އީސީ އިން ވަމުން އަންނަކަމަށް ފުއާދު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.