ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިތަކެއް ދިނުމަށް ޗައިނާގެ ސަރުކާރުގެ އަރިހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ. ރައީސް ނަޝީދު މިމޭރުމުން ވާހަކަދެއްކެވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން މީޑިއާތަކާއި ބައްދަލުކުރައްވަމުންނެވެ.

އެމްޑީޕީ ހަރުގޭގައި މީޑިއާތަކަށް މައުލޫމާތުދެއްވަމުން، ރައީސް ނަޝީދު ވަނީ ޗައިނާ ސަރުކާރުން އަމަލުކުރަމުންދަނީ އިންސާފުން ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެގޮތުން، ޗައިނާއަކީ ހުރިހާ ގޮތަކުންވެސް ތަރައްގީވެ ކުރިއަރާފައިވާ ގައުމެއް ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. 

ނަޝީދު ވިދާޅުވީ، ޗައިނާ ފަދަ ގައުމަކުން ދިވެހިރާއްޖޭގައި ތިބި ހަތަރު ލައްކައެއްހާ މީހުން ކައިރީގައި ފައްޓަރުބައި ވިއްކާފައި ޗައިނާ ބޭންކުތަކުން ނަގާފައިވާ ލޯނުތައް ދައްކަން ބުނަމުންދާތީ ހައިރާންވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މުޅި ދުނިޔެވެސް ބަންދުވެފައިވާ މި ދަނޑިވަޅުގައި ލޯނުތައް ދައްކަން ދަތިވާނެކަމަށާއި އެހެންނަމަވެސް ޗައިނާއިން ލުއި ދީފައިނުވާކަމަށެވެ. އަދި މިއީ އިންސާފު ނޫން ކަމަށާއި ރާއްޖެއަށް ލޯނު ދެއްކުން މަޖުބޫރު ނުކުރުމަށް ޗައިނާ ސަރުކާރުގެ އަރިހުން މަޖިލިސް ރައީސް އެދިވަޑައިގެންނެވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިފަހަރު ބަޖެޓުގައި ހިމަނައިގެން ފަސް ބިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓުގެ ބަހުސް ކުރިއަށްދިޔަ ވަގުތު ރައީސް ނަޝީދު ވިދާޅުވީ، ބަޖެޓުގައި ހިމަނައިގެން ދައްކަން ފަސް ބިލިއަން ރުފިޔާ އެބަ އޮތް ކަމަށާއި އޭގެ ތެރެއިން 80 އިންސައްތައަކީ ޗައިނާއަށް ދައްކަންޖެހޭ ފައިސާކަމަށެވެ.

އެހެންނަމަވެސް، މިޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓާ އިބްރާހިމް އަމީރު ވިދާޅުވީ ދައުލަތުގެ ދަރަނި އަދާކުރުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ 1.5 ބިލިޔަން ރުފިޔާއެވެ. ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަކުގައި ލުއި ލިބިފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވަނީ ޖޫން މަހުގެ ތެރޭގައި އިއުލާން ކުރައްވާފައެވެ. 

ރައީސް ވިދާޅުވި ގޮތުގައި، ސީދާ ދިވެހި ސަރުކާރުން ޗައިނާ ސަރުކާރަށް ދައްކަން ޖެހެނީ 600 ވަރަކަށް މިލިއަން ޑޮލަރެވެ. އެ ފައިސާ ހަތަރުވަރަކަށް އަހަރަށް ފަސްކޮށްދޭން ޗައިނާއިން ވަނީ އެއްބަސްވެފައެވެ. ދެން ހުރީ ކުންފުނިތަކަށް ސަރުކާރުގެ ސޮވެރިން ގެރެންޓީ ދީގެން ނަގާފައިވާ ލޯނުތަކެވެ. އެ ލޯނުތައް ފަސްކުރުމަށް އެ ކުންފުނިތަކާއި މަޝްވަރާކުރަމުންދާކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަންގް ލިއޮންގްވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.