މުޅި ދުނިޔޭގައި މިއަހަރުގެ ތެރޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އަށްވުރެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާ މާ ބޮޑު ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައި.އެފް.އާރު.ސީ) އިން ބުނެފިއެވެ. 

1960 ވަނަ އަހަރުގެ ފަހުން ދުނިޔޭގައި ހިނގި ބޮޑެތި ކާރިސާތަކަށް އަލިއަޅުވާލައި ރެޑް ކްރޮސްއިން ނެރުނު ޚާއްސަ ރިޕޯޓެއްގައި އެ ޖަމިއްޔާއިން ބުނީ މާޗް މަހުގެ ތެރޭގައި ކޮވިޑަށް ޕެންޑެމިކްގެ ދަރަޖަ ދެވުނު ފަހުން ދުނިޔެއަށް 100 އަށްވުރެ ގިނަ ބޮޑެތި ކާރިސާތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނައީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވި ކާރިސާތައް ކަމަށާއި އޭގެ އަސަރުތައް 50 މިލިއަން މީހުންނަށް ކޮށްފައިވާ ކަމަށެވެ. 

މެދު ރާސްތާގައި އަދި ދުރު ރާސްތާގައި ވެސް ކޮވިޑަށް ވުރެ މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ކަމަށެވެ. ކޮވިޑްގެ އަސަރު އެތައް މިލިއަން މީހުންނަށް ކޮށްފައިވާއިރު 1.3 މިލިއަން މީހުންނަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ކޮވިޑަށް ވެކްސިންއެއް ހޯދުމަށް ގިނަ ގައުމުތަކުން މަސައްކަތްކުރަމުން އަންނައިރު ރެޑް ކްރޮސްއިން ވަނީ ކޮވިޑަށް ވެކްސިންއެއް ލިބުނު ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ވެކްސިންއެއް ނުލިބޭނެކަން ހަނދުމަކޮށްދީފައެވެ. 

މޫސުމަށް އަންނަމުންދާ ބަދަލުތަކުން ސަލާމަތްވުމަށް ހުރިހާ ގައުމުތައް އެއްކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެހެން ނޫންނަމަ އިންސާނީ ނަސްލަށް ބޮޑެތި ނުރައްކާތަކާއި ކުރިމަތިވާނެ ކަމަށް ވެސް އެ ޖަމިއްޔާގެ ރިޕޯޓްގައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.