އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދުު -- ފޮޓޯ: ޓުވިޓަރ

މި މަހުގެ 1 ވަނަ ދުވަހުގެ ރޭ އެމްބިއުލާންސް ބަލާ ދިއުން ލަސްވެގެން، ފަރުވާ ނުދެވި ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ އަހުމަދުގެ މަރުގެ ތަހުގީގު ނިންމާ، ރިޕޯޓް ފައިނަލައިޒް ކޮށްފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ގިނަ މަސައްކަތްތަކަކަށް ފަހު މިޝްކާގެ މަރުގެ ރިޕޯޓް މިހާރު ވަނީ ފައިނަލަޒް ކޮށްފައި ކަމަށެވެ. އަދި މިހާރު ކުރަމުްނ ދަނީ އޭގެ މައްޗަށް ބިނާކޮށް ކުރަން ޖެހޭ ކަންތައްތައް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ޑރ. ނަޒްލާ ދެއްވާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

މިޝްކާގެ މަރުގެ ފުރިހަމަ ތަހުގީގެއްކޮށް، ފުރިހަމަ ރިޕޯޓެއް ނެރުމަށް އިތުރު ހަފްތާއެއް ބޭނުންވާ ކަމަށް ހައުސިން މިނިސްޓަރ އަހްމަދު ނަސީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެފައެވެ. އެ ހަފްތާ ފުރިހަމަވެފައި ވާއިރު، މަރުގެ ތަހުގީގު ނިމި، ރިޕޯޓް ފައިނަލައިޒް ކުރެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވެފައިވީ ނަމަވެސް ރިޕޯޓް އާންމުކޮށްފައެއް ނުވެއެވެ.

މިޝްކާގެ މަރާ ގުޅިގެން ހިންގި ތަހުގީގުގެ މައްޗަށް ބިނާކޮށް މީގެ ކުރިން އާންމު ކުރި ރިޕޯޓްގައި ގިނަ ފުށުއެރުންތަކެއް ހުރި ކަން އާއިލާއިން ވަނީ ފާހަގަ ކޮށްފައެވެ. އެ ރިޕޯޓްގައި ބުނާގޮތުން، އެމްބިއުލާންސް ލަސްވީ، އެމްބިއުލާސްއާ ހަމައަށް މެސެޖް ދިއުން ލަސްވެގެންނެވެ.

މި ހާދިސާއާ ގުޅިގެން، އެމަޖެންސީ ކަންކަމުގައި ގުޅަން ހާއްސަ ނަންބަރެއް ވެސް އެޗްއީއޯސީން ވަނީ ކަނޑައަޅާފައެވެ. އެމަޖެންސީ ހާލަތްތަކުގައި 100 އަށް ގުޅަން އެޗްއީއޯސީން އަންގާފައި ވަނީ 1676 އަށް ގުޅައިގެން، އެމްބިއުލާންސް ފޯރުކޮށް ދިނުމަށް ނުވަތަ މެޑިކަލް ޓީމާ ހަމައަށް އެ މެސެޖު ފޯރުކޮށް ދިނުމަށް ލަސްތަކެއް ކުރިމަތިވެދާނެތީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.