ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ހަވީރު 6:00 އިން ފެށިގެން ވެހިކަލް ދުއްވުން މަނާކޮށްފައިވުމާއެކު، މަގުތަކުގައި ގަވައިދާ ހިލާފަށް އުޅޭ ފަރާތްތައް ދަނެގަނެ، ފިޔަވަޅު ތަންފީޒްކުރުމަށް ފުލުހުން ހަރަކާތްތެރިވުން -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

ކޮވިޑް އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވާޅުތަކަށް ލުއި ދީ، ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކާފިއު ވަގުތު 4 އިން 4 އަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި ފަތިހު 4:00 އިން ހެނދުނު 8:00 އަށް ކަސްރަތު ކުރަން ހުއްދައަކާ ނުލާ ނިކުމެވޭނެ ކަމަށާއި، ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށް ބޭރަށް ނިކުމެވޭނީ މިހާރުވެސް އޮންނަ ގޮތަށް، ހައުސްހޯލްޑް ޕަމިޓާ އެކު ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މި ލުއިތައް ދީފައި ވަނީ މިއަދުން ފެށިގެން 2 ހަފްތާގެ މުއްދަތަކަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފަތިހު 4:00 އިން ހެނދުނު 8:00 އަށް ހުޅުވާލާފައި މިވަނީ ހަމައެކަނި އެކަނި ކުރާ ކަސްރަތުތަކަށް ކަމަށެވެ. ކާފިއު ވަގުތު ކުޑަކޮށް، ކަސްރަތު ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ކެފޭތަކާއި ރެސްޓޯރެންޓްތައް އަދި ފިހާރަތަކުން ހިދުމަތް ދިނުން އޮންނާނީ ހަމަ ކުރިން ވެސް އެކަން އޮތް ގޮތަށް ކަމަށެވެ. ކާފިއު ގަޑީގައި ދެވޭނީ ހަމައެކަނި ޑެލިވަރީގެ ހިދުމަތް ކަމަށާއި ކާފިއު ނޫން ވަގުތު ޕާމިޓާއެކު ޓެކްއަވޭގެ ހިދުމަތް ދެވޭއިރު، ފިހާރަތަކަށް ގޮސް ވެސް ވިޔަފާރި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

މިއަދު ދީފައިވާ ލުއިތަކުގެ ތެރޭގައި، މިސްކިތްތަކުގައި ޖަމާއަތް ނުހަދާ، އެކަނިގޮސް ނަމާދު ކުރުމަށް ވަނީ ހުޅުވާލާފައެވެ. ނަމަވެސް ސްކޫލްތަކާއި އޮފީސްތައް މިހާރު ހުރި ގޮތަށް ބަނދު ވާނެއެވެ. އަދި ކުޅިވަރު ކުޅުން ވެސް ވަނީ މިވަގުތަށް މޑުޖައްސާލާފައެވެ.

ސެލޫންތަކާއި ބޯކޮށަތަންތަނުން ހިދުމަތް ދެވޭނީ އެކަމަށް ގައިޑްލައިނެއް އެކުލަވާލާ އާންމު ކުރުމުން ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެފަދަ ތަންތަނުން ހިދުމަތް ދިނުމުގެ ހުއްދަ ދެވޭނީ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން، ސާވިސް ޕްލޭނެއް އެޗްޕީއޭއަށް ހުށަހެޅުމުން، ތަން އިންސްޕެކްޓް ކުރުމަށްފަހު އެޕޮއިންޓްމަންޓް އުސޫލުން ކާފިއު ނޫން ގަޑިތަކުގައި ހިދުމަތް ދޭ ގޮތަށް ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުގެ ހުއްދައިގެ ދަށުން ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ހަމައެއާއެކު ކުރިއަށް ދެ ހަފްތާ ތެރޭގައި ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރު ކުރުމުގެ ހުއްދަ ދޭން ނިންމާފައި ނުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެއަށް ދަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާމެދު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ގޮތްތަކެއް ނިންމާނެ ކަމަށާއި، އެކަމުގައި ވެސް މިވަގުތަށް އިތުރު ލުޔެއް ދޭން ނިންމާފައި ނުވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.