ރާއްޖޭގައި އަލްފާ (ޔޫކޭ) ވޭރިއަންޓްގެ އިތުރުން ޑެލްޓާ (އިންޑިއާ) ވޭރިއަންޓް ވެސް އުޅޭ ކަން ދެނެގަނެވިފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ވޭރިއަންޓްތައް ދެނެގަތުމަށް ޖީން ސީކުއެންސިންއަށް 3 ފަހަރެއްގެ މަތިން، ކޮންމެ ފަހަރަކު 30 ސާމްޕަލް ފޮނުވައިގެން ރާއްޖޭގައި އުޅޭ ވޭރިއަންޓްތައް ދެނެގަނެވިފައިވާ ކަމަށެވެ. އެގޮތުން، އެންމެ ފަހުން ފޮނުވި 30 ސާމްޕަލްގެ ނަތީޖާ މިހާރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ހާމަ ކުރައްވާފައިވާ ގޮތުން، އަލްފާ ވޭރިއަންޓާއި ޑެލްޓާ ވޭރިއަންޓް ހިމެނޭގޮތުން ރާއްޖޭގައި ޖުމްލަ 5 ވޭރިއަންޓެއް އެބަ އުޅެއެވެ. ރާއްޖޭގައި އެންމެ ހަލުވި ކަމާއެކު ފެތުރެމުން ދަނީ ޑެލްޓާ ވޭރިއަންޓް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި އުޅޭ ވޭރިއަންޓަތަކުގެ ތަފްސީލު
ޖީން ސީކުއެންސިންގެ ނަތީޖާއަށް ބަލާއިރު، ރާއްޖެއިން ފޮނުވި ސާމްޕަލްތަކުގެ ތެރެއިން 20 އިންސައްތަ ސާމްޕަލްގައި އަލްފާ ވޭރިއަންޓް ހުރިކަން ފާހަގަ ކުރެވެއެވެ. އަދި 27 އިންސައްތަ ސާމްޕަލްގައި ޑެލްޓާ ވޭރިއަންޓް ހުރިއިރު، 13 އިންސައްތަ ސާމްޕަލްގައި ޖީ ވޭރިއަންޓް ހުރިކަން ފާހަގަ ކޮށްލެވެއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ރާއްޖެއާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ދެމެދުގައި ދަތުރުފަތުރު ކުރިއަށް ދާތީވެ، އަލަށް އުފެދޭ ވޭރިއަންޓަތައް ރާއްޖެއިން ވެސް ފެނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެ ވޭރިއަންޓަތައް ދެނެގަތުމަށް ޑަބްލިއުއެޗްއޯއާ ގުޅިގެން ގިނަ ސާމްޕަލްތަކެއް ސީކިއުންސިންއަށް ފޮނުވޭތޯ މަސައްކަތް ކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.