ކުރީ ސަރުކާރުން ރޫޅާލާފައިވާ ރާއްޖޭގެ ތަރިކައެއް ކަމަށްވާ، ކަޅުވަކަރު މިސްކިތް އަލުން ރާވައި ހުޅުވައިފި އެވެ.
ރޫޅާލައިގެން އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވޭ ގޮތަށް ރާއްޖޭގައި ހަދާފައި ހުރި ހަމައެކަނި މިސްކިތް ކަމުގައިވާ ކަޅުވަކަރު މިސްކިތް މިހާރު ހުންނަނީ ކުރިން ދިރާގުގެ ހެޑް އޮފީސް ހިންގަމުން އައި ބިމުގަ އެވެ. އެ މިސްކިތް ރަސްމީކޮށް ހުޅުވާދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މިއީ އެމަނިކުފާނު ވެވަޑައިގަތް ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކަޅުވަކަރު މިސްކިތް ބިނާ ކުރެއްވީ 1779 އިން 1799 އަށް ރަސްކަން ކުރެއްވި އައްސުލްތޯން ހަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރުގަ އެވެ. އެ މިސްކިތް ފުރަތަމަ ހުރީ ކަޅުވަކަރު މިސްކިތް ހުރީ މަޖީދީ މަގާއި ކަރަންކާ މަގާ އިންވެގެން ހުޅަނގު އުތުރު ކަންމަތީގަ އެވެ. އޭގެ ފަހުން އެ މިސްކިތް ބަދަލު ކުރީ މިހާރު ގަލޮޅު ދަނޑު ކައިރީގައި ހުންނަ މަސްޖިދުލް ސުލްތޯނުލް އާދިލް މިސްކިތް ހުންނަ ތަނުގަ އެވެ.
އެ ތަނުން ނަގައި، ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ތެރޭގައި އެ މިސްކިތް ނީލަން ކިޔުމަށް ފަހު ފުރަނަ ރިސޯޓަށް ގެންދިޔަ އެވެ. އަދި އެކަމާ ރައްޔިތުން ނުރުހުން ފާޅު ކުރެއްވުމުން ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެރިކަމަށް ވަޑައިގެން 1980 ވަނަ އަހަރު އެ މިސްކިތް ސަލްޓަން ޕާކްގެ އިރު ދެކުނު ފަރާތުގައި ބެހެއްޓެވި އެވެ.
އެއަށް ފަހު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަޅުވަކަރު މިސްކިތުގެ އާބާތުރަކަން ފިލުވުމަށް ފަހު އޭޕްރީލް ،19 2009 އަލުން ހުޅުވި އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން އެ މިސްކިތް ހުރި ތަން ބަދަލު ކުރެއްވުމަށްޓަކައި އަލުން ރޫޅާލި އެވެ.
"އަޅުގަނޑު އުންމީދު ކުރަނީ ކަޅުވަކަރު މިސްކިތް މި ބިމަކީ މިސްކިތުގެ ދާއިމީ ވަޒަން ކަމުގައި ވެގެން ދިޔުން،" މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.