މި ސަރުކާރުން ކަޅުވަކަރު މިސްކިތް ބެހެއްޓި ތަނަކީ އެ މިސްކިތުގެ ދާއިމީ ވަޒަނަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކަޅުވަކަރު މިސްކިތަކީ އެކި ޒަމާންތަކުގައި އެކި ސަރަހައްދުތަކަށް ބަދަލުވަމުން އައި މިސްކިތެކެވެ. އަދި އެންމެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރޫޅާލާފައި ވަނިކޮށް، މި ސަރުކާރުން ކަޅުވަކަރު މިސްކިތް އަލުން ރާވާ ބަހައްޓާފައި ވަނީ ކުރިން ދިރާގުގެ ހެޑް އޮފީސް ހިންގަމުން އައި ބިމުގަ އެވެ. 

އެ މިސްކިތް އަލުން ހުޅުވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިއަދަކީ ރާއްޖޭގެ ސަގާފީ ތަރިކައިގެ ތެރެއިން ވަރަށް މުހިންމު ތަރިކައެއް ކަމަށްވާ ކަޅުވަކަރު މިސްކިތް ތާރީހުގެ އަނދިރިކަމުގެ ތެރެއަށް ދޫކޮށްލަމުން ދަނިކޮށް އަލުން އަނބުރާ ސަލާމަތް ކުރުމުން ފާހަގަ ކުރާ ދުވަސް ކަމަށެވެ. 

ކަޅުވަކަރު މިސްކިތަކީ ސަގާފަތާއި ފަންނުވެރިކަމާ ގުޅިލާމެހިފައިވާ މިސްކިތެއް ކަމަށާއި ބަދަލުވަމުން އައިސް، ދިވެހިންގެ އަތުން އެތައް ގެއްލުމެއް ލިބުން ނަމަވެސް ދިވެހިންނާ ވަކި ނުވި މިސްކިތެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި މިހާރު ކަޅުވަކަރު މިސްކިތް ބަހައްޓާފައި ހުރި ތަނަކީ އެ މިސްކިތުގެ ދާއިމީ ވަޒަނަށް ވުމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. 

"އަޅުގަނޑު އުންމީދު ކުރަނީ ކަޅުވަކަރު މިސްކިތް މި ބިމަކީ މިސްކިތުގެ ދާއިމީ ވަޒަން ކަމުގައި ވެގެން ދިޔުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކަޅުވަކަރު މިސްކިތް ބެހެއްޓީ ސަގާފީ ތަރިކަ ރައްކާތެރި ކުރުމުގެ ގާނޫނަކާއެކުގައި ކަމަށެވެ. އެގޮތުން ސަގާފީ ތަރިކާގެ ގާނޫނުގައި ބުނާ ގޮތުން އެފަދަ ތަންތަން ރައްކާތެރިކޮށް ހިމާޔަތް ކުރުމަކީ ދައުލަތާއި ރައްޔިތުންގެ ޒިންމާއެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން މި ޒަމާނުގައި ސަގާފީ ތަރިކައަކީ ފަތުރުވެރިކަން ވިއްކުމުގައި ހުރިހާ ގައުމުތަކުގައި ވެސް ބޭނުން ކުރާ އެންމެ މުހިންމު އެއް ވަސީލަތް ކަމަށާއި ތަރިކަ ރައްކާތެރިކޮށް ދަމަހައްޓަންވީ އިގްތިސާދު ކުރިއަރުވާ އާމްދަނީ އިތުރު ކުރުމުގެ ވަސީލަތެއް ކަމަށް ދެކިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

"ރާއްޖޭގައި ސަގާފީ ފަތުރުވެރިކަމެއް އާލާ ކުރެވޭނެ ގޮތަކާ މެދު ވިސްނުން ބެހެއްޓުމަކީ މުހިންމު ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.