ހުޅުމާލޭގައި އިމާރާތްކުރަން މިއަދު އިފްތިތާހުކޮށް، ބިންގާއެޅި 1000 ހައުސިންގ ޔުނިޓުގެ މަޝްރޫއު ދެ އަހަތު ތެރޭ ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މި ހައުސިން ޔުނިޓްތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އޭނާ އުއްމީދު ކުރައްވަނީ ޝެޑިއުލްގައި ވާގޮތުގެ މަތިން، މިއަދު މަސައްކަތް މިފަށާ ޓަވަރުގެ އެންމެ މަދުވެގެން 20 އިންސައްތަ މަސައްކަތް މިއަހަރު ނިމެންވާއިރަށް ކުރެވޭނެ ކަމަށެވެ. އަދި ހުއްޓުމެއް ނެތި ބާކީ އޮތް 8 ޓަވަރުގެ މަސައްކަތް އަވަހަށް ފަށައިގެން ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އުއްމީދަކީ ކޮންޓްރެކްޓް ކޮށްފައިވާ ހައުސިން ޔުނިޓް، ކުރިއަށް އޮތް ދެއަހަރު ތެރޭގައި ނިންމާފައި، ދިވެހިންގެ ތެރެއިން މި ޔުނިޓްތަކަށް ބޭނުންޖެހިފައި ތިބި ބަޔަކު މި ހައުސިން ޔުނިޓުތަކަށް ވަނދެ، ތަނަވަސްކަމާއެކު ދިރިއުޅެވޭނެ ގޮތް ވުން.
އަސްލަމް ވިދާޅުވީ މިކަހަލަ މަޝްރޫއުތައް ކުރިއަށް ގެންދާއިރު އަބަދުވެސް ހައްލު ކުރަން ޖެހޭ މައްސަލަތައް ހުންނާނެ ކަމަށާއި، މަސައްކަތް ކުރުމުގެ ތެރެއިން ދިމާވާ ދަތިތަކުގެ ތެރެއިން އުނދަގޫ ނިންމުންތައް ވެސް ނިންމަން ޖެހިދާނެ ކަމަށެވެ. ނަމަވެސް އެކަންކަން ޓީމެއްގެ ގޮތުގައި ކުރިއަށް ގެންދާ ނަމަ ހަލުވި ކަމާއެކު މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 100 އިންސައްތަ ދިވެހި ކުންފުންޏަކުން ދިވެހި ރައްޔިތުންނަށް ދިމާވެފައި އިތް އެންމެ ބޮޑު ދަތިކަން ހައްލު ކުރުމަށް މިވަރުގެ މަސައްކަތަކަށް ކުރިމަތިލީތީ އުފާ ކުރައްވާ ކަމަށެވެ. އަދި މިއީ އެހެން މަޝްރޫއުތަކާ ހިލާފަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ލޯނު ނަގައިގެން ކުރިޔަށް ގެންދާ މަޝްރޫއެއް ނޫންކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ މިއީ އެޕޯލޯއިން ފަންޑުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ ކައުންސިލް ހައުސިން އަށް އަދި އެފޯޑަބަލް ހައުސިންއަށް ސަރުކާރުން ބައިބެކް ގެރެންޓީއެއް ދިނުމަށްފަހު ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިޑްއިންކަމް ހައުސިން އަށް ސަރުކާރުން ނެގޯޝިއޭޓް ކޮށްގެން، މިޑް އިންކަމްގެ ތެރޭގައި ހިމެނޭ އާއިލާތަކަށް އެފޯޑް ކުރެވޭ މިންވަރެއްގައި އަގު ހިފަހައްޓާފައި ވާ ކަމަށެވެ. އެއީ އަކަފޫޓަކަށް 2400 ރުފިޔާއަށްވުރެ އަގުބޮޑު ނުވާ މިންވަރު ކަމަށް އޭނާ ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދަނީ ދިވެހި މުޖުތަމައު ބެހިފައި އޮތް ގޮތަށް ބަލައިގެން ކަމަށެވެ. އަދި އެކި ގިންތީގެ އެކި ކަހަލަ އެކި މިންވަރުގެ ތަނަވަސްކަން ހުރި އެކި ކަހަލަ ބޭނުންތައް ހުރި މީހުންނަށް ބޭނުންވާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.