ހުޅުމާލޭގައި އިމާރާތްކުރާ 1000 ހައުސިންގ ޔުނިޓުގެ މަޝްރޫއު މިއަދު އިފްތިތާހުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސުހައިލް ވިދާޅުވީ މި މަޝްރޫއުގެ ދަށުން އަޅާ ހައުސިންގ ޔުނިޓުތައް ވެގެންދާނީ ޖާގައިގެ ގޮތުން ތަނަވަސް ތަންތަނަށް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ފްލެޓުތައް އިމާރާތް ކުރާނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
- ކައުންސިލް ހައުސިންގ
- އެފޯޑަބަލް ހައުސިންގ
- މިޑް ރޭންޖް ހައުސިންގ
ކައުންސިލް ހައުސިންގ ކެޓަގަރީގެ ދަށުން 650 އަކަފޫޓުގެ ދެ ކޮޓަރީގެ ހައުސިންގ ޔުނިޓުތައް ގާއިމުކުރެވޭނެއެވެ. އަދި 800 އަކަފޫޓުގެ ތިން ކޮޓަރީގެ ޔުނިޓުތައް ވެސް ހިމެނެއެވެ.
އެފޯޑަބަލް ކެޓަގަރީގެ ދަށުން 650 އަކަ ފޫޓުގެ ދެ ކޮޓަރީގެ ޔުނިޓު އެޅުމަށް ހަމަޖެހިފައިވާއިރު 900 އަކަފޫޓުގެ ތިން ކޮޓަރީގެ ޔުނިޓު އެޅުމަށް ވެސް ވަނީ ނިންމާފައެވެ.
އަދި މިޑް ރޭންޖް ހައުސިންގ ކެޓަގަރީއަށް ބަލާލާލައިރު 750 އަކަ ފޫޓުގެ ދެ ކޮޓަރީގެ ޔުނިޓުތައް އެޅުމަށް ހަމަޖެހިފައިވާއިރު 1000 އަކަ ފޫޓުގެ ތިން ކޮޓަރީގެ ޔުނިޓުތައް ވެސް ހިމެނެއެވެ.
މި ފްލެޓުތަކުގެ ކޮންސެޕްޓް ޑިޒައިންކޮށް، އިމާރާތްކުރުމާއި ފައިނޭންސިންގ ކުރިއަށްގެންދަނީ އެޕޯލޯ ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ. މިއީ ދިވެހި ކުންފުންޏަކުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު ސޯޝަލް ހައުސިންގ މަޝްރޫއުއެވެ.
އަތްފޯރާ އަގުގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދާއެކު ވެރިކަމަށް އައި މި ސަރުކާރުގެ މެނިފެސްޓޯގައިވާ ގޮތުން ކޮންމެ އާއިލާއަކަށްވެސް ތާހިރު ދިރިއުޅުމެއް ބިނާކުރެވޭނެ ފަދަ ވެއްޓެއް ކަށަވަރުކޮށްދިނުމަކީ އަމާޒެކެވެ.