2021 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާ

ނަފްރަތުގެ އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތައް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލު ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށައެޅުއްވި މި ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ 38 މެމްބަރުންނެވެ. ނުފެންނަ ކަމަށް 17 މެމްބަރުން ވޯޓުދެއްވިއެވެ.

ބިލް ބަލައިގަތުމަށް ބޭނުންވަނީ 28 ވޯޓެވެ.

މި ބިލުގައި ވަނީ ނަފްރަތު އުފެއްދުމަށް ހިތްވަރު ދިނުމާއި އެއާއި ގުޅޭ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހިމަނާފައެވެ. އަދި މި ފަދަ އަމަލުތަކަށް ކަނޑައަޅާ އަދަބުވެސް ހިމަނާފައިވެއެވެ.

ނަފްރަތުގެ ކުށް ބަޔާންކުރާ ބިލްގައިވާ ބައެއް ކަންކަން:

  • ޢާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުން
  • އިސްލާމީ ޢަޤީދާއާ ގުޅުވައި މުޖުތަމަޢުގައި މީހަކާމެދު ނަފްރަތު އުފެއްދުން؛
  • އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން
  • އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުން

މިފަދަ އަމަލަކަށް ހިތްވަރު ދިނުމަކީ ޖުނަހް 1 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވެއެވެ. އެ ކުށަށް ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ 1 އަހަރުގެ ޖަލު ހުކުމެކެވެ.

އެ އަމަލުތަކުގެ އިތުރުން މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން ނުވަތަ އެފަދަ ޢަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލުގައި ހިމަނާފައިވެއެވެ. މިއީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެެއް ކަމަށް ހިމަނާފައިވާއިރު މި ކުށް ކުރާ މީހަކަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ ދެ އަހަރުގެ ޖަލު ހުކުމެކެވެ.

މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުމާއި މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުމަކީ ވެސް ކުށެެއް ކަމަށް ބިލުގައި ވެއެވެ. މި ފަދަ ކުށެއް ކުރާ މީހަކަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.

މީގެއިތުރުން މި ބިލުގައި މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި ތަފާތުކުރުމަށް ގޮވާލާ، ހިތްވަރު ދިނުމަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ހިމަނާފައެވެ. މިއިން ކުށެއް ކުރާ ކުރުމުގައި މީހަކު މަރުވެއްޖެ ނަމަ އެއީ ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ 25 އަހަރުގެ ޖަލު ހުކުމެކެވެ.

މި ބިލަށް ކުރެވުނު ބަހުސްގައި އިދިކޮޅު ކޯލިޝަންގެ މެމްބަރުން ވަނީ މި އިސްލާހަށް ތާއީދުނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ވަނީ ރައްދުކޮށްފައެވެ.

މި ބިލު ސަރުކާރުން ހުށައެޅި މަގްސަދަކީ ނަފްރަތުގެ އަމަލަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމެވެ.  އެހެންނަމަވެސް، ހިސާން މި ބިލު ހުށައެޅުއްވުމާއި އެކު އޭނާއަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެގެންދިޔައެވެ. ބައެއް ފަރާތްތަކުން ބުނަމުންދަނީ މި ބިލަކީ ލާދީނިއްޔަތު" ފެތުރުމުގެ މަގްސަދުގައި ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.