އަނބިމީހާއަށް ވާތީ ވަޒީފާ ދިނުމަކީ އެއްވެސް ގާނޫނަކުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް އައިޝަތު ނަހުލާ އައްޔަން ކުރީ އޭނާގެ ގާބިލް ކަމުން ކަމަށް ނަހުލާގެ ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ނަހުލާއަށް ވަޒީރުކަން ލިބިވަޑައިގަތީ ގާސިމްގެ އަނބިމީހާއަށް ވާތީ ނޫން ކަމަށް އޭނާ ވިދާޅުވުމާ ގުޅިގެން އަމާޒުވި ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.

ނަހުލާ ދިފާއު ކުރައްވާ ދިވެހިރާއްޖޭގެ އަޑަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ މީހެއްގެ އަންބަކަށް ވާތީ ކެބިނެޓްގެ ވަޒީފާއެއް ލިބެން ޖެހޭ ކަމަކަށް އެއްވެސް ގާނޫނަކުން ބުނެފައެއް ނޯންނާނެ ކަމަށާއި އެކަން އެގޮތައް ކުރާކަށް ނުޖެހޭ ކަމަށެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ ކެބިނެޓަށް ނަހުލާ އައްޔަން ކުރެއްވީ އޭނާއަކީ ގާބިލް ކަނބަލަކަށް ވާތީ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ރައްޔިތުން ބަލައިގަނެ މަސައްކަތްތެރި ކަނބަލެއް ކަމަށް ވިދާޅުވެ ގާސިމް ނަހުލާއަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވި އެވެ.

"އައިޝާ އަކީ ކަން ކުރެވޭނެ ހިތްވަރު ހުރި ވިސްނުންތެރި ކުޅަދާނަ ތެދުވެރި ތައުލީމީ އަދަބުވެރި ކިޔަމަންތެރި ގާބިލް ބޭފުޅެއް. އައިޝާ އިންތިހާބުގައި ކުރެއްވި ގިނަ ގުނަ މަސައްކަތާއި އެކުގައި ރައްޔިތުން އެކަމަނާ ބަލައިގެންކަން ގިނަ ބައެއްގެ ދުލުން ގޮވަމުންދާތީ އެކަމަނާ އެދިވަޑައިގެންނެވީ ވަޒީފާ ދެއްވުމަށް ޖޭޕީގެ ފަރާތުން. އަޅުގަނޑު ރައީސަށް ހުށަހެޅީ އެމަގާމް އައިޝާއަށް ހަމަޖައްސާ ދެއްވުމަށް،" މާމިނގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ ނަހުލާއަށް ފާޑު ކިޔާ ފަރާތްތައް އެފަދަ ވާހަކަތައް ފަތުރަނީ ހަޖަމް ނުކުރެވޭތީ ކަމަށެވެ. އަދި އެކަން ހުއްޓާލުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ނަހުލާގެ ދިފާއުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް މިއަދު ވަނީ ނިކުމެވަޑައިގެން އޭނާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.