ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަޖިލީހަށް ހުށައަޅާފައިވާ ބިލާއި ގުޅިގެން އިދިކޮޅު ކޯލިޝަނަށް ނިސްބަތްވެވަޑައިގެންނަވާ މެމްބަރުން ބަހުސްގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އެމްޑީޕީ މެމްބަރުން ނުރުހުން ފާޅުކުރައްވައިފިއެވެ.

އިދިކޮޅުގެ ފަރާތުން އެންމެ ފުރަތަމަ ބަހުސްގައި ވާހަކަދެއްކެވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިފާޅުވީ، ނަފްރަތު އުފެއްދުމަކީ އިސްލާމް ދީނާއި، ޚިލާފުކަމެއްކަން ކޮންމެ ދިވެއްސަކަށް ވެސް ސާފުވާނެ ކަމަށެވެ. އަދި 'ހޭޓް ސްޕީޗަކީ' މިހާރުވެސް ގާނޫނުން މަނާކުރާ ކަމެއް ކަމަށް ވާއިރު، ސަރުކާރުން ކުއްލި ގޮތަކަށް މިފަދަ އިސްލާހެއް ހުށައެޅީ ދަނޑިވަޅުގެ ފައިދާ ނެގުމަށް ކަމަށެވެ. އަދި ރަނގަޅަށް ވިސްނާލުމުން، ބިލު ހުށައެޅުމުގެ މަގްސަދަކީ 'ލާދީނީ' ކިއުން ހުއްޓުވުންކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

އާދަމް ޝަރީފް ވާހަކަދައްކަވަނިކޮށް އެންމެ ފުރަތަމަ ނިޒާމީ ނުކުތާއެއް މެމްބަރަކު ނެންގެވީ، ލޭ ހުއްދަ ކުރާ ހިސާބަށް ދަނީ ދީނީ ކަންކަމާއި ސިޔާސީ ކަންތައްތަކުގެ ނުފޫޒު އޭގެ ތެރެއަށް ވަދެ، ގަޑުބަޑުވުމެއް އުފެއްދުމުން ކަމަށް ވިދާޅުވުމުންނެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ބާވަތުގެ އިޖްތިމާއީ މައްސަލަތައް، އެ މައްސަލަތަކުގެ ތެރެއިން ލޭ ހުއްދަވާ ހިސާބަށް، ކަންތައްތައް ދަނީ އަޅުގަނޑުމެން އެ މައްސަލަތަކުގެ ތެރެއަށް އެތައް ކަންތައްތަކެއް ގަޑުބަޑުކޮށް، ދީނީ މައްސަލަތަކާއި ސިޔާސީ ކަންތައްތަކާއި އެތައް ނުފޫޒެއް އޭގެ ތެރެއަސް ވައްދައިގެން" މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ވިދާޅުވިއެވެ.

މިހެން ވިދާޅުވުމާއި އެކު އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ނިޒާމީ ނުކުތާއެއް ނަންގަވާ ވާހަކަދައްކަވަމުން ވިދާޅުވީ މަޖިލިސް ތަޅުމުގައި ލޭ ހުއްދަކުރުން ދިފާއެއް ނުކުރެވޭނެ ކަމަށެވެ. އަދި އެފަދަ ވާހަކައެއް ދެއްކުމަށް ފުރުސަތު ދެވިގެންވާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ލޭ ހުއްދަކުރުން ދިފާއުނުކުރެވޭނެ، އެއީ އެވެނި ކަމަކާ މިވެނި  ކަމަކާ ގަޑުބަޑުވެގެން ކުރާ ކަމެކޭ. ލޭ ހުއްދަކުރުން ދިފާއެއް ނުކުރެވޭނެ އިއްޒަތްތެރި ރައީސް" އިހަވަންދޫ ދާއިރާގެ މެމްބަރ މުހައްމަދު ޝިފާއު ވިދާޅުވިއެވެ.

މިހެން ވިދާޅުވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ހަސަން އަފީފް ވަނީ އިސްލާމް ދީނުގެ ރިވެތި އުސޫލާއި އެއްގޮތަށް ވާހަކަދެއްކެވުމަށް މެމްބަރުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި އާދަމް ޝަރީފަށް ވަހަކަފުޅު ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އޭނާގެ ވާހަކައިގައި ފާހަގަކުރެއްވީ ލޭ ހުއްދަ ކުރުމަކީ އިސްލާމް ދީން ހުއްދަނުކުރާ ވާހަކަ ކަމަށެވެ. އެހެންނަމަވެސް މެމްބަރުން އުޅުއްވަނީ އޭނާގެ ވާހަކައިގެ މިސްރާބު ބަދަލުކޮށްލުމަށް ކަމަށް ވިދާޅުވިއެވެ. އަދި އޭނާ އެ ވާހަކަ ދައްކަވަނީ ކަމުގެ ހަގީގަތާއި އެއްގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.

ބިލާއި މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ މިހާރު ބިލު އޮތް ގޮތަށް ފާސްވެއްޖެ ނަމަ އިސްލާމްދީނުގެ ދިފާއުގައި ވާހަކަދައްކާ ކޮންމެ މީހަކު ޖަލަށް ދާން ޖެހިދާނެ ކަމަށެވެ. މި ބާވަތުގެ ކަންކަން ކުރަން ފަށައިފިނަމަ، ރާއްޖޭގައި އިސްލާމީ ހަޟާރާތު ފެތުރޭތީވެސް ބަޔަކު ކަންބޮޑުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ ބިލެއް ފާސްވެއްޖެ ނަމަ އެއީ ރާއްޖެއިން ފަހަތަށް އަޅާ ފިޔަވަޅެއް ކަމަށެވެ. އަދި މި އިސްލާހުތަކަކީ ގާނޫނު އަސާސީއާއި ފުށު އަރާ ކަމެއް ކަމަށެވެ.

އާދަމް ޝަރީފްގެ ވާހަކަތަކާއި ގުޅިގެން ދެން ނިޒާމީ ނުކުތާއެއް ނެންގެވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްއެވެ. އަހުމަދު ހަލީމް ވިދާޅުވީ އާދަމް ޝަރީފް ބިލާއި ގުޅޭގޮތުން ވާހަކަދައްކަވަމުންދަނީ ބިލުގެ މަފްހޫމް އޮޅޭ ގޮތަށް ކަމަށެވެ. އަނިޔާވެރިކަމަށް ގޮވުމަކީ އިސްލާމްދީނުގައި ނަހީ ކުރާ ކަމަކަށްވާއިރު، މި ބިލުގައި ހިމަނާފައިވަނީ އެކަން ކުށަކަށް ހެދުމަށް ކަމަށެވެ.

އަހުމަދު ހަލީމަށް ފަހު ދެން ނިޒާމީ ނުކުތާ ނެންގެވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. އޭނާ ވެސް ވިދާޅުވީ އާދަމް ޝަރީފް ވާހަކަދައްކަވަމުން ދަނީ ބިލުގައި ވާ ކަންކަން އޮޅުވާލައިގެން ކަމަށެވެ. އަދި އެފަދަ ގޮތަކަށް ވާހަކަދެއްކެވުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިހެން ވިދާޅުވުމުން އަފީފް ވިދާޅުވީ ގާނޫނު އަސާސީގައި ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ކަން ކަނޑައަޅާފައިވާއިރު، މި ބިލާއި އެކު ރާއްޖެއަށް ސެކިއުލެރިޒަމް ތައާރަފް ކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް މެމްބަރުން ދައްކަވާއިރު، ގާނޫނު އަސާސީއާއި ތައާރަޒްވާ ފަދަ ގާނޫނެއް ފާސްވެއްޖެނަމަ، ސުޕްރީމް ކޯޓަށް ގޮސްގެން އެކަމަށް 'ޗެލެންޖް'ކުރެވޭނެ ކަމަށެވެ.

މި ބިލަށް އިދިކޮޅު މެމްބަރުން ތާއީދުނުކުރައްވާކަން ވަނީ ހާމަކުރައްވާފައެވެ. އަދި މިއީ ކަނޑައެޅިގެން އިސްލާމްދީނާއި ދެކޮޅަށް ހުށައަޅާފައިވާ ބިލެއް ކަމަށް އެ މެމްބަރުން ގަބޫލުކުރައްވައެވެ. އެ މެމްބަރުންގެ ވާހަކަތަކާއި ގުޅިގެންވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވާ ނުރުހުން ފާޅުކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *