ނަފްރަތުގެ އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތައް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލު ފަރުމާކޮށްފައިވަނީ ހަދީސާއި އިމާމުންގެ ބަސްފުޅުތަކަށް ރިއާޔަތްކޮށްގެން ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެއެވެ.
ސަރުކާރުގެ ފަރާތުން ހުށައެޅި ނަފްރަތުގެ އަމަލުތައް މަނާކުރާ ބިލު މަޖިލީހަށް ހުށައަޅުއްވާފައިވަނީ ހިސާންއެވެ. މި ބިލު ސްޕޮންސަރ ކުރެއްވުމުން، ހިސާންއަށް އެތައް ބައެއްގެ ފާޑުކިއުން އަމާޒުވެ، މަރުގެ އިންޒާރުވެސް ލިބިވަޑައިގެންނެވިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބިލު ހުށައަޅުއްވާދެއްވަމުން ހިސާން ވަނީ ބިލު ސްޕޮންސަރކުރެއްވި ސަބަބާއި ބިލު ފަރުމާ ކުރެވިފައިވާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލް ހިސާން ސްޕޮންސަރ ކުރެއްވި ސަބަބު:
ބިލު ހުށައެޅުއްވި ސަބަބެއްގެ ގޮތުގައި ހިސާން ވިދާޅުވީ އޭނާ އަށް ދަސްވެފައިވަނީ އިންސާނާގެ ލެޔަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްގެ ގޮތުގައި ކަމަށެވެ. އަދި އެހެން މީހަކު ނުރައްކަލަކަށް ހުށައެޅި ދާނެ ފަދަ އަމަލެއް ވެސް ހިންގުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. މިކަން ފާހަގަކުރައްވާ އޭނާ ވަނީ މިފަދަ ކަމަކަށް ހުއްދަ ދޭންޖެހޭ ސަބަބަކީ ކޮބާތޯ ސުވާލުއުފައްދަވާފައެވެ.
ދައުލަތް މަސައްކަތް ކުރަމުންދަނީ ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް، ތަރުތީބުވެފައިވާ އިޖުރާއަތުތަކެއްގެ ތެރެއިން ކަން ފާހަގަކުރައްވާ ހިސާން ވިދާޅުވީ އެހެންކަމުން އެ އިޖުރާއަތުތަކުގެ ތެރެއިން ކުށް ކަނޑައެޅުމާއި ކުށްވެރި ކުރުމާއި ކުށުގެ މައްސަލަ ބެލުން، އެއީ ދައުލަތުން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އަދި އެކަން ކުރުމަށް ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްލައިފިނަމަ، ނިޒާމު ގެއްލި ގައުމުގެ އަމާކަން ގެއްލޭނެ ކަމަށެވެ.
އެކަމަށް ފުރުސަތު ދެވިގެންނުވާނެ ކަމަށް ވިދާޅުވެ ހިސާން ވަނީ މި ބިލު ހުށައެޅުއްވި މަގްސަތު ތަފްސީލުކޮށްދެއްވާފައެވެ.
ފަހުގެ ތާރީހުގައި ނަފްރަތުގެ ބަސްތައް ބޭނުންކުރަމުންދަނީ ހަތިޔާރެއްގެ ގޮތުގައި، ކުށެއް ނެތް އެތައް ބައެއްގެ ލޭ ހުއްދަ ކުރުމަށް. ގާނޫނުގެ ބޭރުން މީހުން މަރަން. ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް. ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ބިލު ފަރުމާކޮށްފައިވާ ގޮތް:
ހިސާން ވިދާޅުވީ މި ބިލު ފަރުމާކުރުމުގައި ހަމައެކަނި ބަލާފައިވަނީ ހަމައެކަނި ދުނިޔޭގެ ޑިމޮކްރެޓިކް ނިޒާމުތަކަށް ނޫން ކަމަށެވެ. އެގޮތުން ރަސޫލާގެ ހަދީސް ބަސްފުޅާއި ފާހަގަކޮށްލެވޭ އިމާމުން ރިވާކުރައްވާފައިވާ ބަސްފުޅުތަކަށް މި ބިލު ފަރުމާކުރުމުގައި ރިއާޔަތްކޮށްފައިވާކަމަށެވެ.
އޭނާ މިކަމަށް ބާރުދެއްވީ ބައެއް ބަސްފުޅުތަކަށް އަލިއަޅުއްވާލައްވަމުންނެވެ.
ބުހާރީގައި އައިސްފައިވާ ހަދީސެއްގެ މާނައިގައި ވަނީ މުއުމިނަކަށް ކާފަރުކަމުގެ ތުހުމަތުކޮށްފި މީހާ ފަހެ އެމީހާ ގަތުލުކުރި ފަދައޭ. އެހެން ރިވާޔަތެއްގައި ވަނީ މީހަކު އޭނާގެ އަހާއާއި ދިމާލަށް 'ކާފަރު' އޭ ބުނެފި ނަމަ ފަހެ އެދެމީހުން ކުރެ ކޮންމެވެސް އެކަކު ކާފަރުކަމުގެ ސިފަތައް ލިބިގަނެއްޖޭ. މީގެ މާނަޔަކީ ކޮބާތޯ؟ ބުނެވުނު މީހާ ކާފަރަކަށް ނުވާނަމަ އެ ބުނި މީހާ ކާފަރަކަށް ވެގެންދާނޭ. އެހެންވީމާ ތިމާ ލާދީނީ ނޫން މީހަކާއި ދިމާލަށް ލާދީނީ އޭ ބުނެފިނަމަ ތިމާޔަކީ ލާދީނީ މީހަކަށް ނުވެ ހުންނާނެތޯ؟
ހިސާންގެ ވާހަކައިގައި ވަނީ މިއީ މުސްލިމުން ގާނޫނު ހަދަން ނުޖެހޭ ކަމެއްތޯ ސުވާލުއުފައްދަވާފައެވޗެ. އަދި މިފަދަ އިސްލާމީ ވިސްނުންތަކުން ގާނޫނު ހެދުމަށް ހުރަސް އެޅުމަށް ވާހަކަދެއްކުން އެއީ ދީނާއި ޚިލާފުކަމެއް ނޫންތޯވެސް ސުވާލު އުފެއްދެވިއެވެ.

މާލެ ސިޓީ، 15 އޭޕްރިލް 2021: ރޯދަ މަހުގެ ރޭ އަޅުކަމުގައި -- ފޮޓޯ: މުހައްމަދު އަފްރާހް | ޖަޒީރާ
ހިސާން ވިދާޅުވީ މި ބިލުން ކަނޑައަޅާ ކުށަކީ ނަފްރަތު އުފެއްދުން ކަމަށާއި އެއީ ހަމައެކަނި ދީނާއި ގުޅުވައިގެނެއް ނޫން ކަމަށެވެ. އެގޮތުން މީހާ އުފަންވި ގައުމާއި، ހަމުގެ ކުލަޔާއި، ޖިންސަށް ނުވަތަ ނަސްލަށް ބަލައިގެން ވިޔަސް މީހަކާއި މެދު ނަފްރަތު އުފެއްދުން މި ބިލުން މަނާކުރެއެވެ.
ނަފްރަތު އުފެއްދުން ކުށަކަށް ހަދާ ބިލު:
މިކަންކަމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލުގައި ހިމަނާފައިވެއެވެ.
- ޢާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުން
- އިސްލާމީ ޢަޤީދާއާ ގުޅުވައި މުޖުތަމަޢުގައި މީހަކާމެދު ނަފްރަތު އުފެއްދުން؛
- އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން
- އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުން
މިފަދަ އަމަލަކަށް ހިތްވަރު ދިނުމަކީ ޖުނަހް 1 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވެއެވެ. އެ ކުށަށް ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ 1 އަހަރުގެ ޖަލު ހުކުމެކެވެ.
އެ އަމަލުތަކުގެ އިތުރުން މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން ނުވަތަ އެފަދަ ޢަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލުގައި ހިމަނާފައިވެއެވެ. މިއީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެެއް ކަމަށް ހިމަނާފައިވާއިރު މި ކުށް ކުރާ މީހަކަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ ދެ އަހަރުގެ ޖަލު ހުކުމެކެވެ.
މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުމާއި މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުމަކީ ވެސް ކުށެެއް ކަމަށް ބިލުގައި ވެއެވެ. މި ފަދަ ކުށެއް ކުރާ މީހަކަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
މީގެއިތުރުން މި ބިލުގައި މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި ތަފާތުކުރުމަށް ގޮވާލާ، ހިތްވަރު ދިނުމަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ހިމަނާފައެވެ. މިއިން ކުށެއް ކުރާ ކުރުމުގައި މީހަކު މަރުވެއްޖެ ނަމަ އެއީ ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ 25 އަހަރުގެ ޖަލު ހުކުމެކެވެ.