ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަޤާމަށް ޑރ. ޑޮކްޓަރ އަބްދުއްހަންނާން ވަހީދު އައްޔަންކުރައްވައިފި އެވެ.
"މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" ސީއީއޯއަކު އައްޔަންކުރީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުންނެވެ. ޤާނޫނުގައިވާގޮތުގެ މަތިން ސީއީއޯއަކަށް އައްޔަންކުރެއްވުމުގެ ކުރިންވެސް، އެ މަޤާމު ފުރުއްވަމުންގެންދެވީ ހަންނާން އެވެ.
އޭގެއިތުރުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް)ގެ ސީއީއޯގެ މަޤާމާއި އަދި ތައުލީމީ ދާއިރާގެ އެކިއެކި މަޤާމުތައް ހަންނާން ފުރުއްވާފައިވެއެވެ. ހަަންނާން ޕީއެޗްޑީ ޙާޞިލުކުރައްވާފައި ވަނީ އެޑިއުކޭޝަންގެ ދާއިރާއިން އޮސްޓްރޭލިޔާގެ ކްއީސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އިންނެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ހަންނާން އެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުން ފެންވަރުގަ އެވެ.
އޭގެއިތުރުން ޤާނޫނުގައި ލާޒިމްކޮށްފައިވާގޮތަށް "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރީޓީގެ އެޑްވައިޒަރީ ބޯޑް" ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެކުލަވާލައްވާފަ އެވެ.
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރީޓީގެ އެޑްވައިޒަރީ ބޯޑް:
- ޑރ. ޢަބްދުލްޙަންނާނު ވަޙީދު - (ޗީފް އެގްޒެކެޓިވް އޮފިސަރ) (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ)
- ޚަދީޖާ އާދަމް / މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިޔުކޭޝަން - މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ 1 މެންބަރު.
- ޑރ. އަޙްމަދު ޢަލީ މަނިކު - މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން ޢައްޔަންކުރާ 2 މެންބަރުންގެ ތެރެއިން މެންބަރެއް.
- ޑރ. ޢާއިޝަތު ރީޝާ - މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން ޢައްޔަންކުރާ 2 މެންބަރުންގެ ތެރެއިން މެންބަރެއް.
- ޑރ. މުޙައްމަދު ޝަރީފް - ދިވެހިރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކުގެ ވައިސް ޗާންސެލަރުންގެ ތެރެއިން ޢައްޔަންކުރާ 1 މެންބަރު.
- އާދަމް ޙަލީމް - ޓެކްނިކަލް އެންޑް ވޮކޭޝަނަލް ދާއިރާއިން ޢައްޔަންކުރާ 1 މެންބަރު.
- މޫސާ މުޙައްމަދުމަނިކު - ވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމު ފޯރުކޮށްދޭ އަމިއްލަ ކޮލެޖްތަކުގެ ހިންގުމުގެ ދާއިރާއިން ޢައްޔަންކުރާ 1 މެންބަރު.