ބައްޝާރު އަލް އައްސަދުގެ ސަރުކާރު އެންމެ ފާޅުގައި ދިފާއުކުރުމަށް ބޭރު ދުނިޔޭގައި މަސައްކަތްކުރައްވާ، އެ ގައުމުގެ ފޮރިން މިނިސްޓަރު ވަލިދް އަލް މޮއަލެމް އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވިކަން އެ ގަައުމުގެ ދައުލަތުގެ ޓީވީއިން ވަނީ ކަޝަވަރުކޮށްދީފައެވެ. އެހެންނަމަވެސް، އަވަހާރަވީ ކިހިނެއްކަމެއް ދައުލަތުގެ މީޑިއާއިން ހާމަކޮށްފައެއް ނުވެއެވެ. އަލްޖަޒީރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 79 އަހަރުގެ ފޮރިން މިނިސްޓަރު ހިތުގެ އާލާސްކަންފުޅާ ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

އަލް މޮއަލެމް ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރެވުނީ 2006 ވަނަ އަހަރުއެވެ. އޭގެ ކުރިން ބޮޑުވަޒީރުގެ ނައިބުކަމުގެ މަގާމުވެސް އެ މަނިކުފާނު އަދާކުރެއްވިއެވެ. އަލް މޮއަލެމް އަކީ ސީރިޔާގެ 10 އަހަރުވީ ދާހިލީ ހަނގުރާމައިގެ ސަބަބުން ބޭރު ދުނިޔެއާ ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި، އެ ގައުމުގެ ދިފާއުގައި ބޭރު ދުނިޔޭގައި ވަކާލާތުކުރާ އެންމެ އިސް ބޭފުޅާއެވެ. އެގޮތުން 2014ވަނަ އަހަރު ސުވިޒަލޭންޑުގައި ބޭއްވުނު 'ޕީސް ޓޯކްސް'ގައިވެސް ސަރުކާރުގެ ފަރާތުން ވަކާލާތުކުރީ އަލް މޮއަލެމްއެވެ.

އަލް މޮއަލެމް އަވަހާރަވުމާއި ގުޅިގެން އަދި ފޮރިން މިނިސްޓަރުގެ މަގާމަށް އިތުރު ބޭފުޅަކު އައްޔަންކޮށްފައެއް ނުވެއެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އެ މަގާމަށް އައްޔަންކުރާނީ އަލް މޮއަލެމްގެ ނައިބެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ފައިސަލް މެކްދާދްއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.