ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތް 2020 މިއަދު އިފްތިތާހްކޮށްފިއެވެ.
މި މުބާރާތް އިފްތިތާހްކޮށްދެއްވީ މިކަމަށް ހާއްސަކޮށްގެން އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަހްމަދު ޒާހިރު އަލީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ގައުމީ މުބާރާތް ވާޗުއަލްކޮށް ބާއްވަން މިއަހަރު ނިންމާފައިވަނީ ކޮވިޑް-19ގެ މި ހާލަތުގައިވެސް ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި، ފެތުރުމަށްޓަކައެވެ. އިސްލާމިކް މިނިސްޓްރީއިން މައުލޫމާތުދީފައިވާ ގޮތުގައި، އެހެން އަހަރުތަކާއި ހިލާފަށް، މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ބަލައިގެން ކިޔެވުމަށް ހާއްސަކޮށްގެންނެވެ.
4 އަހަރުން މަތީގެ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތް ބާހަލެވިފައިވަނީ 2 ބުރަކަށެވެ. އެއީ އޮޑިޝަން ބުރާއި ފައިނަލް ބުރެވެ. މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި މިފަހަރު އޮންނާނީ މުޖައްވަދުކޮށް (ދިގު ރާގަށް) ކިޔެވުމުގެ ކެޓެގަރީއާއި ޙަދަރުކޮށް (ކުރު ރާގަށް) ކިޔެވުމުގެ ކެޓެގަރީއެވެ. ކޮންމެ ބައިވެރިއަކަށްވެސް ބައިވެރިވެވޭނީ މީގެ ތެރެއިން ކޮންމެވެސް އެއް ކެޓެގަރީއެއްގައެވެ.
އިސްލާމިކް މިނިސްޓްރީއިން މައުލޫމާތު ދޭ ގޮތުގައި އޮޑިޝަންގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު 28 ނޮވެމްބަރުގެ ކުރިން ވީޑިއޯ ޕޯޓަލް މެދުވެރިކޮށް ފޮނުވަން ވާނެއެވެ.
އެހެން އަހަރުތަކެކޭވެސް އެއް ފަދައިން މި އަހަރުވެސް ކޮންމެ ކެޓެގަރީއަކުންވެސް އަންހެން އަދި ފިރިހެން ބައިވެރިންގެ ތެރެއިން 1ވަނަ ހޯދާ ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް ލިބޭނެކަމަށްވެސް މިނިސްޓްރީއިންވަނީ ބުނެފައެވެ.