8 މެއި 2021 -- ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ | ފޮޓޯ: ރައީސް އޮފީސް

"ގެދޮރުވެރިޔާ ލޯނު ސްކީމް"ގެ އަލަށް ފަށާ ލޯނު ސްކީމްގެ ދަށުން 7 ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ނިންމާފައިވާ ކަން ސަރުކާރުން އިއުލާން ކޮށްފިއެވެ.

ރާއްޖޭގެ ރަށްތަކުގައި ރަށްވެހިވެ، ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުވާލި މި ލޯނު ސްކީމަކީ ދެމެހެއްޓެނިވި ބޯހިޔާވަހިކަން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަކަށް ކަށަވަރު ކޮށްދިނުމުގައި މަގްސަދުގައި ތައާރަފް ކުރި ލޯން ސްކީމެކެވެ. މި ސްކީމްގެ ދަށުން ލޯނު ދޫކުރަނީ އަމިއްލަ ގޯތީގައި ގެދޮރު އިމާރާތް ކުރުމަށާއި، މަރާމާތް ކުރުމުގެ އިތުރުން މިހާރު ހަދަން ފަށާފައި ވާ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށެވެ.

ލޯނުގެ ގޮތުގައި އެއް ފަރާތަކަށް އެންމެ ގިނައިން ދޫކުރާނީ 7 ލައްކަ ރުފިޔާއެވެ. 6 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި މި ލޯނު ދޫކުރާނީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއްގައި ދެއްކުމަށެވެ. މި ލޯނަށް ޑިޕޮސިޓް ދައްކަން ނުޖެހޭއިރު، ގްރޭސް ޕީރިއަޑްގެ ގޮތުގައި 12 މަހާއި 15 މަހާއި ދެމެދުގެ މުއްދަތެއް ލިބޭއިރު އެ މުއްދަތުގައި އިންޓްރެސްޓް އަދި ޕްރޮސެސިން ފީއެއް ނުނަގާނެއެވެ.

ލޯނަށް އެދުމުގައި މަދުވެގެން 2 މީހަކު ބައިވެރިވާން ޖެހޭއިރު ލޯނަށް އެދެނީ މުޅިން އަލަށް އިމާރާތް ކުރަން ކަމަށް ވާނަމަ މުޅި ޕްރޮޖެކްޓްގެ 20 އިންސައްތަ ޕްރޮޖެކްޓަށް ލާން ޖެހެއެވެ. ނަމަވެސް މި ފައިސާ ނަގުތު ފައިސާގެ ގޮތުގައި ނުވަތަ ބޭންކް އެކައުންޓެއްގައި ހުރުން ލާޒިމެއް ނޫނެވެ. ޕްރޮޖެކްޓަށް ކުރި ހަރަދާއި ގަނެފައިވާ ތަކެތި އަދި ގޯތީގައި ބޭނުން ކުރާ އިމާރާތެއް ހުރި ނަމަ އެ އިމާރާތެއްގެ އިތުރުން ގޯތީގައި އިމާރާތެއް ނެތް ނަމަ އިމާރާތް ކުރުމަށް ގަސްތު ކުރާ ބިން މި 20 އިންސައްތައިގެ ތެރޭގައި އަގު ކުރެވިިދާނެއެވެ.

ލޯނުގެ މޯގޭޖްގެ ގޮތުގައި ނަގާނީ ހަމައެކަނި އިމާރާތް ކުރާ ތަނެވެ. މި ސްކީމުގެ ދަށުން ދޭ ލޯން ޕޭމަންޓްތައް ދޫކުރާނީ ހުށަހަޅާ ކޮންސްޓްރަކްޝަން ޕްލޭނާ އެއްގޮތަށް ބަހާލައިގެންނެވެ.

ލޯނުގެ ގޮތުގައި 7 ލައްކަ ނަގައިފި ނަމަ ފައިސާ އަނބުރާ ދައްކަން ޖެހޭ ގޮތް:

  • 15 އަހަރު ނަމަ މަހަކު 5907 ރުފިޔާ
  • 16 އަހަރު ނަމަ މަހަކު 5608 ރުފިޔާ
  • 17 އަހަރު ނަމަ މަހަކު 5485 ރުފިޔާ
  • 18 އަހަރު ނަމަ މަހަކު 5307 ރުފިޔާ
  • 19 އަހަރު ނަމަ މަހަކު 55153 ރުފިޔާ
  • 20 އަހަރު ނަމަ މަހަކު 5015 ރުފިޔާ މިއެވެ.

ލޯނަށް އެދުމުގެ ޝަރުތުތައް:

  • ލޯނަށް އެދޭ މީހާގެ ނަމުގައި ބިމެއް ރަޖިސްޓްރީ ކޮށްފައި އޮތުން،
  • ބިން ރަޖިސްޓްރީ ކޮށްފައިވާ ރަށުގެ ރައްވެއްސެއް ކަމުގައި ވުން،
  • ރަށްވެހިވެފައިވަ ރަށުގައި ލޯނަށް އެދޭ މީހާ ނުވަތަ އާއިލާ ދިރިއުޅުން ބިނާކޮށް އެރަށުގައި ދިރިއުޅެތާ މަދުވެގެން 3 އަހަރު ވުން މިއެވެ.

ކުރީގެ ސަރުކާރުތަކުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން އެއްވެސް ރަށަކަށް ބަދަލުކޮށްފައިވާ މީހަކު އެރަށެއްގެ ރަށްވެއްސަކަށް ވީތާ 5 އަހަރު ނުވީނަމަވެސް، އެ މީހަކު ނުވަތަ އެމީހެއްގެ އާއިލާއަށް މި ސްކީމަށް ކުރިމަތިލެވޭނެއެވެ. މި ސްކީމަށް ކުރިމަތިލާ މީހުންގެ ތެރެއިން ކައިވެނިކޮށްގެން އުޅޭ މީހުންނަށާއި އެކަނި ދަރިން ގޮވައިގެން އުޅޭ މީހުންނަށް އިސްކަން ދޭނެއެވެ.

ސަރުކާރުގެ ފަރާތުން މި ލޯން ސްކީމް ހިންގާ މެނޭޖްކުރާނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިންނެވެ. ނަމަވެސް މި ސްކީމަށް ލިބޭ އެޕްލިކޭޝަންތައް އެޕްރޫވް ކުރާނީ އެޗްޑީއެފްސީއާއި ހައުސިން މިނިސްޓްރީ ހިމެނޭ ޖޮއިންޓް ކްރެޑިޓް ކޮމިޓީއަކުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.