އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

ރާއްޖޭގެ އެއްވެސް އެއަރޕޯޓެއް ބޭރުގެ ގައުމަކަށް ވިއްކާލަން ނޫޅޭކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރީޖަނަލް އެއަރޕޯޓު ކުންފުނި ކުރިޔަށް އޮތް މުސްތަގުބަލުގައި ކުރިއަރާ ތަރައްގީވެ ދިވެހި ރައްޔިތުންނަށް އޭގެން ފައިދާވާނެހެން ޕަބްލިކް ލިސްޓިންގަކަށް ދާނެކަމުގެ އުންމީދު އޮތްކަމަށް ވިދާޅުވަމުންނެވެ.

ވަރަށް ސާފުކޮށް މިދަންނަވަނީ، ވަރަށް ކްލިއާކޮށް މި ދަންނަވަނީ، ރީޖަނަލް އެއަރޕޯޓު ކުންފުނި ނުވަތަ އަޅުގަނޑުމެންގެ އެއްވެސް އެއަރޕޯޓެއްގެ އެއްވެސް ހިއްސާއެއް، މިސަރުކާރަކުން، އަޅުގަނޑުމެން ބަޔަކަށް ވިއްކާލުމުގެ، ދިނުމުގެ އެއްވެސް ޝައުގުވެރިކަމެއްވެސް، ވިސްނުމެއްވެސް އަދި ހުވަފެނެއްވެސް ނެތް.

ރީޖަނަލް އެއަރޕޯޓު ކުންފުނި އިންޑިއާއަށް ނުވަތަ އެހެން ބަޔަކަށް ވެސް ވިއްކާލުމަކީ ހުވަފެނުންވެސް ދުށް ކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ އުންމީދަކީ، ރީޖަނަލް އެއަރޕޯޓު ކުންފުނި ގާއިމްކޮށް، ރާއްޖޭގައި ހިންގަމުން އަންނަ ހުރިހާ އެއަރޕޯޓުތަކާއި ވަކިން ހާއްސަކޮށް ޑޮމެސްޓިކް އެއަރޕޯޓުތައް މިހާރަށް ވުރެ ރަނގަޅު ފެންވަރެއްގައި ހިންގުން ކަމަށެވެ. އަދި، ބޭނުންވާ ތަރައްގީ އެއަރޕޯޓުތަކަށް ގެނެއުމަށްޓަކައި ކޯޕަރޭޓް މޮޑެލްއެއްގެ ދަށުން ހިންގުމުގެ މުހިންމުކަމުގެ ސަބަބުން، ރީޖަނަލް އެއަރޕޯޓު ކުންފުނި އުފައްދައި އެކުންފުނީގެ ދަށަށް އެއަރޕޯޓުތައް ގެނެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް އެއަރޕޯޓުތައް އިންޑިޔާއަށް ދެނީ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އޭގެ އަސްލު އޮޅުވާލާ ރައްޔިތުންގެ ހިތުގައި ސުވާލާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ބަސްތައް އޮޅުންބޯޅުން ކުރުވަމުން ދެކެވޭ ވާހަކަތަކެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަދި އެތައް ފަހަރެއްގެ މަތިން މިނިސްޓަރ ވަނީ ރާއްޖޭގެ އެއްވެސް އެއަރޕޯޓެއް ނުވަތަ ރީޖަނަލް އެއަރޕޯޓު ކުންފުނިވެސް އިންޑިޔާއަށް ވިއްކާ ނުލާނެކަމަށް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.