ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތްކުރުމާ ގުޅޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަންއިން މަޝްވަރާކޮށްފިއެވެ. 

އިއްޔެ އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އޮތް މި ބައްދަލުވުމުގައި އެ ކޮމިޝަނުގެ މެންބަރުންގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ކޮރަޕްޝަނުގެ ޢަމަލުތައްް ތަޙުޤީޤުކުރުމާއި ދަޢުވާ ކުރުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި، ކޮރަޕްޝަން ހުއްޓުވުމަށް ނިޒާމީ ގޮތެއްގައި މަސައްކަތް ކުރެވޭނެ ގޮތްތަކާމެދުވެސް ހިޔާލު ބަދަލުކޮށްފައިވެއެވެ.

އޭސީސީއިން ތަހުގީގުކުރާ މައްސަލަތަކުގައި އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ ޕީޖީއިން ދައުވާނުކުރަން ނިންމަމުންދާތީ އެކަމާ އޭސީސީއިން ވަނީ ނުރުހުންފާޅުކޮށްފައެވެ. އެގޮތުން، ވެންޓިލޭޓަރު މައްސަލައިގައިވެސް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، އޭސީސީއިން ފޮނުވާފައިވާ މައްސަލައިގައި ދައުވާ ކުރެވޭވަރަށް ހެކި ހިމަނާފައި ނުވާކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. އަދި، މައްސަލަ ޕީޖީއަށް ފޮނުވުމުގު ކުރިން އިޝާރާތްކޮށްފައިނުވާކަމަށާއި، މައްސަލަ ޕީޖީއަށް ފޮނުވުނީ ކުއްލިއަކަށް ކަމަށާއި ކުރިން މަޝްވަރާކުރެވުނު ގޮތަށް ނޫންކަމަށްވެސް ޝަމީމްވަނީ ވިދާޅުވެފައެވެ. މި ކަމަށް ޖަވާބުދާރީ ވަމުން އޭސީސީއިންވަނީ ދައުވާކުރެވޭނެ މިންވަރަށް ހެކި ހުރިކަމަށް ބުނެފައެވެ.

މީގެއިތުރުންވެސް، އޭސީސީއިން ތަހުގީގުކުރަމުންދާ ހުރިހާ މައްސަލަތަކުގެ ތަފްސީލު ޕީޖީ އޮފީހާއި ހިއްސާ ކުރުމަށް ދެކޮޅު ހެދުމުގެ ސަބަބުންވެސް އޭސީސީއާ ޕީޖީ އޮފީހާ ދެމެދުވަނީ ނުތަނަވަސްކަން އުފެދިފައެވެ. އޭސީސީއިން ތަހުގީގު ކުރާ މައްސަލަތަކަށް ދައުވާ ނުކުރެވޭނަމަ އޭސީސީ އޮތުމުގެ ބޭނުމެއް ނެތްކަމަށް ބުނެ އެ ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް މަޖިލިސް ބައެއް މެންބަރުން މަސައްކަތްކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.