އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް އަނބުރާ ގެންދިޔުމަށް އިދިކޮޅުން ގޮވާލައިފިއެވެ. 

ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 34,787,720,151 ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއެވެ.

އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާއެވެ. 2021 ވަނަ އަހަރުގެ ބަޖެޓު، ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިންނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތައެވެ. އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވުދާޅުވެފައެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 124.8 އިންސައްތައެވެ.

މަޖިލީހުގައި މިހާރު ވަނީ ބަޖެޓް ބަހުސް ފެށިއެވެ. ބަޖެޓަށް އެމްޑީޕީގެ މެންބަރުން ވަނީ ތާއިދު ކުރައްވައި ވާހަކަ ދައްކަވާފައެވެ. އަދި ކޮވިޑްއާ ގުޅިގެން އިގުތިސޯދު ވެއްޓިފައިވާ އަނދަވަޅުން ނެގުމުގެ މަސައްކަތާއެކު ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި އެކަމަށްޓަކައި ބަޖެޓް ރާވާފައިވާ ގޮތަށް މެންބަރުން ތައުރީފް ކުރައްވާފައިވެއެވެ. 

ބަޖެޓް ބަހުސް ކުރިއަށްދިޔައިރު، ފިނޭންސް މިނިސްޓަރު އަމީރު ވެސް މަޖިލީހަށް ވަޑައިގެން އިންނެވިއެވެ. ބައެއް މެންބަރުން ބަހުސް ކުރައްވައި ނިންމެވުމުން މިނިސްޓަރު ވަނީ ވާހަކަ ދައްކަވާފައެވެ. އެ ވާހަކަތައް ހުއްޓުވައި، ނިޒާމީ ނުކުތާއެއް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ނެންގެވިއެވެ. 

ޕީޕީއެމްގެ ނައިބު ރައީސް، މެންބަރު ޝިޔާމް ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ ރައްޔިތުން ބޮޑު އަދަދަކުން ދަރަނިވެރި ކުރުވާ ބަޖެޓެއް ކަމަށާއި އެ ބެޖެޓް މިހާރުން މިހާރަށް އަނބުރާ ގެންގޮސް އިސްލާހު ކުރަން ޖެހޭ ކަމަށެވެ. ބަޖެޓަކީ ރާއްޖޭގެ ކަންކަން ނޭނގި ތިބެ ނުވަތަ އެނގެން ބޭނުން ނުވެ ތިބެ ހުށަހަޅާފައިވާ ބަޖެޓެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. 

އޭގެފަހުން ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދާނީ އިގުތިސޯދީ އަނދަވަޅުން ގައުމު ސަލާމަތްކޮށް މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އެކަންކަން ބަޖެޓްގައި ހިމެނިފައިވާނެ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.