ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ މެންބަރު މަލީހު ޖަމާލު އެ މަގާމުން ވަކި ކުރުމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕް މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

މަލީހު ވަކި ކުރުމުގެ މަސައްކަތް ފެއްޓެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އިސްވެ ހުންނަވައިގެނެވެ. އޭނާގެ އިތުރުން 10 މެންބަރުންގެ ސޮޔާއެކު މަލީހުގެ އިތުބާރު ނެތް މައްސަލަ ފާސްކޮށްދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕަށް ވަނީ ހުށަހަޅައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ ގަރާރަށް އިތުރު މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އެބަދެ އެވެ.

މަލީހާ ދެކޮޅަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ސަރުކާރަށް ދެ އަހަރު ފުރޭއިރު، ޓެެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވައިދެއް ނުހެދުމާއި ޓެލެކޮމް ސިނާއަތު ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކު ދައުލަތަށާއި ރައްޔިތުންނަށް ގެއްލުންވާތީ ކަމަށެވެ. 

މީގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުއައްޒަފުން ކުރައްވާ މަސައްކަތައް ވަޒީރުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށާއި އެ މަސައްކަތްތަކަށް ހުރަސް އަޅާތީ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ. އެހެންކަމުން މަލީހު އެ މަގާމުން ވަކި ކުރުމަކީ އެމްޑީޕީ އާއި ގިނަ ރައްޔިތުން ކެނޑި ނޭޅި އެދެމުންދާ ކަމެއް ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.

އެ ގަރާރުގައި މީކާއިލްގެ އިތުރުން ސޮއިކޮށްފައި ވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ބޮންޑޭ)އާ، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުއާ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާ، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމްއާ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖްއާ، މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާންއާ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު އާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގޭ) އެވެ. 

މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް ވިދާޅުވެ، މީގެ ކުރިން ވެސް މަލީހު ވަކި ކުރަން ބައެއް އެމްޑީޕީ މެންބަރުން ގޮވާލި އެވެ. ނަމަވެސް މި ފަހުން މަލީހުގެ މައްސަލަ އަނެއްކާ ވެސް ހޫނުވީ، ބަރުލަމާނީ ނިޒާމް ގެނައުމާ ދެކޮޅަށް މަލީހު ވާހަކަ ދެއްކެވުމުންނެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ގިނަ މެންބަރުން މަލީހަށް ރައްދު ދެއްވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.