ހއ. ހޯރަފުށީ ފަޅު ހިއްކައިގެން ހަދާފައިވާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.
އެމްޓީސީސީއިން ކުރިއަށް ގެންދިޔަ ހޯރަފުށީ އެއާޕޯޓްގެ މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އެ އެއާޕޯޓް ސިފަ ވަނީ ވަރަށް ރީތި އެއާޕޯޓެއްގެ ގޮތުގައެވެ.
މިއަދު ހެނދުނު ހޯރަފުށީ އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓެއް ޓެސްޓް ފްލައިޓެއްގެ ގޮތުގައި ވަނީ ޖައްސާފައެވެ. އެ ފްލައިޓްގައި ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިންނާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުން އަދި ބައެއް މަޖިލިސް މެންބަރުން ހޯރަފުއްޓަށް ވަޑައިގެންނެވިއެވެ.
ޓެސްޓް ފްލައިޓް ޖެއްސިއިރު އެއާޕޯޓް ސަރަހައްދަށް އެ ރަށުގެ ރައްޔިތުން އެއްވެ ތިއްބެވެއެވެ. މިއީ މި ސަރުކާރުން ވަަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދިޔަ މަޝްރޫއުއެކެވެ.
މި ސަރުކާރުގެ ފުރަތަމަ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މާދަމާ އެކަމަށްޓަކައި އެ އެއާޕޯޓްގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
ހޯރަފުށީ ކައިރީ ފަޅު ރަށެއްގައި އެއާޕޯޓް އެޅުމަށް އެންމެ ފުރަތަމަ ވައުދުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. ނަމަވެސް އެ ސަރުކާރަށް މަޝްރޫއު ފެށޭ ވަރެއް ނުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމީ ހޯރަފުށީ ފަޅު ހިއްކައިގެން އެއާޕޯޓް އެޅުމަށެވެ. އަދި ސަރުކާރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއެވެ.