މިސްކިތެއްގައި ބަޔަކު ނިދާފައި ؛ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކޮށް، މުޑުދާރު ކުރާ މައްސަލަ ވަނީ ބޮޑުވެފައި

މަސްތުވެގެން މިސްކިތުގައި ތިއްބާ ހައްޔަރު ކުރި 15 މީހަކަށް ބަންދުގެ މުއްދަތް ޖަހައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރިކޯޑް އޮންނަ ކުށުގެ ވެށީގައި އުޅޭ މީހުންގެ ތެރެއިން ބޭނުމެއް ނެތި މިސްކިތްތަކަށް ވަނދެ އަދި މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތުކުރެވޭ 15 މީހަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ރޭ ހައްޔަރުކުރި މި 15 މީހުންގެ ބަންދާމެދު ގޮތް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ހައްޔަރު ކުރި 15 މީހުންގެ ތެރެއިން 7 މީހަކު ރިމާންޑް ސެންޓަރެއްގައި 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 8 މީހަކު 3 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

މާލޭގެ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި، ނިދުމުގެ އިތުރުން އެއްޗެހި ދޮވެ، މިސްކިތްތައް ބޭނުން ކުރުމާއި، އަދި އެކަށީގެން ނުވާ އެހެނިހެން ބޭނުންތަކުގައި މިސްކިތްތައް ބޭނުންކުރާ ކަމުގެ ޝަކުވާ ފުލުހުންނަށް ތަކުރާރުކޮށް ލިބިމުންދާކަމަށް އެ މުއައްސަސާއިން ވަނީ މީގެ ކުރިން ބުނެފައެވެ. އެއާއެކު އެފަދަ މައްސަލަތަކުގެ ރިޕޯޓްތައް ލިބެމުން ދާކަން ފާހަގަކޮށް ކޮންމެ ރެއަކު މިސްކިތްތައް ބަލައި، މިސްކިތް އެގޮތަށް ބޭނުންކުރާ ފަރާތްތައް ފޮނުވާލާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.