ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ކައުންސިލްތަކުގެ ލަފަޔާއި ނުލައި، ސެކެޓްރީ ޖެނެރަލުން އައްޔަނުކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބައެއް މެމްބަރުން ތާއީދުނުކުރައްވާކަން ހާމަކުރައްވައިފިއެވެ.

މި އިސްލާހު ހުށައަޅުއްވާފައިވަނީ ގެމަނަފުށި ދާއިރާގެ މެންބަރު އަހުމަދު ސައީދެވެ. މި ބިލު ހުށައެޅުމުގެ ބޭނުމެއްގެ ގޮތުގައި ވަނީ ސީއެސްސީގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ފާޅުކަން ބޮޑު ގޮތެއްގައި ހުޅުވާލާ ހަމަހަމަ ފުރުސަތެއް ދިނުމެވެ. އަދި އެ މަގާމަށް އައްޔަނުކުރާ ފަރާތަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ވަކި ފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތްނުކުރާ ފަރާތެއް ކަން ކަށަވަރުކުރުމެވެ.

ކައުންސިލްގެ ލަފަޔާއި ނުލާ އެސްޖީން އައްޔަނުކުރާ ގޮތަށް ބަދަލުކުރުމަށްޓަކައި ދެ ގާނޫނަކަށް އިސްލާހު ހުށައަޅާފައިވެއެވެ. އެއީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށާއި ސިވިލް ސަރވިސްގެ ގާނޫނަށެވެ. މި ދެ ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފައިވަނީ ވަކިންނެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ކުރިއަށް ގެންދިޔައީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބަހުސެވެ. އެދުވަހު ވެސް މި ބިލަށް ކުރެވުނު ބަހުސްގައި ވެސް މި އިސްލާހާއި ދެކޮޅަށް ބައެއް މެމްބަރުން ވާހަކަދައްކަވާފައިވެއެވެ. އަދި މިހާރު ގާނޫނު އޮތް ގޮތަށް، އިސްލާހެއް ނުގެނެސް ބޭއްވުމަށް ބައެއް މެމްބަރުން ގޮވާލެއްވިއެވެ. އެގޮތުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ)ގެ ވާހަކަ ފެއްޓެވީވެސް މި އިސްލާހަށް ތާއީދުނުކުރައްވާ ކަމަށް ވިދާޅުވަމުންނެވެ.

ގެމަނަފުށި ދާއިރާގެ އިއްޒަތްތެރި މެމްބަރު ހުށައެޅުއްވި އިސްލާހަށް އަޅުގަނޑަށް ތާއީދެއް ނުކުރެވޭ.. އަޅުގަނޑު ތާއީދުކުރަން، މިހާރު ސަރުކާރުން ބޭނުންވާ ގޮތަށް ލާމަރުކަޒީ ނިޒާމަށް ކައުންސިލްތަކުގެ ރުހުމާއި އެއްކޮށް އެ ނެގޭ ބޭފުޅަކު ނެގުމަށް އޮތް ގޮތަށް.

މިހާރު ގާނޫނު ގާނޫނު އޮންނަ ގޮތުން ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުއައްޒަފުގެ ގޮތުގައި ކަނޑައަޅައި، ސެކެޓްރީ ޖެނެރަލުން އައްޔަނުކުރާނީ ކައުންސިލްތަކުގެ ލަފާގެ މަތިންނެވެ. މި އިސްލާހު ގާނޫނަށް ގެނައީ މި ސަރުކާރުންނެވެ. ހަސަން ވިދާޅުވީ އެ އިސްލާހު ގެނައީ ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ މަތިން ކަމަށްވާއިރު އެ މާއްދާ ބަދަލުކުރަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވަނީ ސިވިލް ސަރވިސްގެ ގާނޫނަށް އިސްލާހު ގެނައުމާއި ގުޅޭ ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ. މި ބަހުސްގައިވެސް ގިނަ މެމްބަރުން ވަނީ މި އިސްލާހަށް ތައީދުކުރައްވާކަން ހާމަކުރައްވާފައެވެ. އެގޮތުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވީ މާޒީގައި ކައުންސިލްގެ ލަފަޔާއި ނުލާ އެސްޖީން އައްޔަނުކުރިއިރު ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމުގައި ދަތިތަކާއި ކުރިމަތިވި ކަމަށެވެ. އަދި ކައުންސިލްގެ ލަފާ އެކަމުގައި ހޯދާ ގޮތަށް ގާނޫނަށް އިސްލާހު ގެނައީ އެކަމަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

އިސްލާހާއި ގުޅިގެން ގިނަ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވަނީ ކައުންސިލްގެ ބަހެއް ނެތި އެސްޖީން ކަނޑައަޅާނަމަ ރައްޔިތުންނަށް ފޯރުކޯށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކައުންސިލަށް ދަތިތަކެއް ކުރިމަތިވެދާނެތީއެވެ. އަދި މިއީ އެމްޑީޕީގެ ލާމަރުކަޒީ ސިޔާސަތައި ފުށުއަރާ އިސްލާހެއް ކަމަށްވެސް ބައެއް މެމްބަރުން ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.