ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ނިންމާފައިވާގޮތުގެ ކުރެހުމެއް -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުން އިންޑިއާގެ ކުންފުންޏަކާއި ހަވާލުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ދޮގުކުރައްވައިފި އެވެ.

މިނިސްޓަރ ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން ފެސިލިޓީގައި ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރިނަމަވެސް، އެއޕޯޓް ހިންގުން ކުރިއަށްގެންދާނީ ދިވެހި ދައުލަތުންކަމަށެވެ. ނުވަތަ ދައުލަތުން ކަނޑައަޅާ ސަރުކާރުގެ ކުންފުންޏަކުން ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ކުންފުންޏަކާއި ހަވާލުކުރަން އުޅޭކަމުގެ އަޑުތައް އިދިކޮޅުން ގަދަކޮށްފައިވަނީ ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އަށް ސަރުކާރުން އިސްލާހް ގެނައިކަމަށް އާންމުކުރުމަށްފަހު އެވެ. ނަމަވެސް މިނިސްޓަރ ފައްޔާޒް ވަނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އަށް ގެނެވުނު ބަދަލުގަައި އެއަރ ޓްރެފިކް އޮޕަރޭޝަން ކުރިއަށްގެންދިއުމަށް ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށްވެސް ހުއްދަ ނުކުރާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2,460 (ދެހާސް ހަތަރުސަތޭކަ ފަސްދޮޅަސް) މީޓަރުގެ އާ ރަންވޭއަކާއި 111,000 (އެއްލައްކަ އެގާރަ ހާސް އަކަފޫޓުގެ ޒަމާނީ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. އަދި 624,000 (ހަ ލައްކަ ސައުވީސް ހާސް) އަކަފޫޓުގެ އޭޕްރަންއަކާއި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން
ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވިގެން ދާނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެކަމަށް މިިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި މި އެއަރޕޯޓުގެ ޓަރމިނަލް ފަރުމާކުރެވިފައިވަނީ ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަޑި ސިފަވާނެފަދަ ދިވެހިވަންތަ ފަރުމާއަކަށެވެ. އަދި އެއާޕޯޓް ތަރައްޤީކުރެވިގެންދާނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ވަޞީލަތްތަކާއެކުގައިކަމަށް މިނިސްޓްރީން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.