ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތިން މަގާމަކަށް ބޭފުޅުން އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ބޭފުޅުން އައްޔަން ކުރައްވާފައި ވަނީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމާއި ބަންގްލަދޭޝްއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމާއި ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމާށެވެ.
މިގޮތުން، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ހ. ޖެހޭވައި އިބްރާހީމް ޝަހީބާއި، ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް މ. ޒީނާ ޝިރުޒިމަތު ސަމީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ގ. ޕެންޒީމާގެ ޢާއިޝަތު ޝާން ޝާކިރު ރައީސް ވަނީ އައްޔަންކުރައްވާފައެވެ. މި ބޭފުޅުން އައްޔަންކުރުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.
ސިންގަޕޫރަށް ކަނޑައެޅުއްވި ސަފީރު އިބްރާހީމް ޝަހީބު އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމުގައެވެ. އޭގެއިތުރުން، އެމަނިކުފާނު ވަނީ އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީކަމުގެ މަގާމާއި، ޕާމަނަންޓް ސެކްރެޓަރީކަމުގެ މަގާމާއި، ޑިރެކްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ. އަދި ސިންގަޕޫރުގެ ފަސްޓް ސެކްރެޓަރީ އެންޑް އެކްޓިންގ ހައިކޮމިޝަނާ އޮފް މޯލްޑިވްސް ގެ މަގާމު ވެސް އަދާކުރައްވާފައިވެއެވެ.
އިބްރާހިމް ޝަހީބު ޑިގްރީ ހާސިލްކުރެއްވީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަރސިޓީ އިންނެވެ. އެ ޔުނިވާސިޓީއިން ބެޗެލާ އޮފް އާޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް ޑިވެލޮޕްމަންޓް ސްޓަރޑީޒް ހާސިލުކުރެއްވުމަށްފަހު ސިންގަޕޫރުގެ ލީ ކުއާން ޔިއު ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވެއެވެ.
ބަންގްލަދޭޝްއަށް ކަނޑައެޅުއްވި ސަފީރު ޝިރުޒިމަތު ސަމީރު އެންމެ ފަހުން އަދާކުރައްވާފައިވަނީ ފޮރިން މިނިސްޓްރީގެ އީސްޓް އެންޑް ސެންޓަރަލް އޭޝިއާ ޑިވިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމެވެ. މީގެ އިތުރުން، މޯލްޑިވްސް އެމްބަސީ އިން ޖާމަނީގެ މިނިސްޓާ ކައުންސެލާގެ މަގާމުވެސް އެކަމަނާވަނީ ފުރިހަމަ ކުރައްވާފައެވެ.
ޝިރުޒިމަތު ސަމީރު ވަނީ ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަން އިން ބެޗެލާ އޮފް އާޓްސް އިން އިންޓަނޭޝަނަލް ބިޒްނަސް ހާސިލުކުރައްވާފައެވެ. މާސްޓާސް ހާސިލްކުރައްވާފައިވަނީ ސޯޝަލް ސައިންސް (ސްޓްރެޓެޖީ އެންޑް ޑިޕްލޮމަސީ) އިންނެވެ. އެއީ ނެޝަނަލް ޔުނިވާސިޓީ އޮފް މެލޭޝިއާގެ އިންސްޓިޓިއުޓް އޮފް ޑިޕްލޮމަސީ އެންޑް ފޮރިން ރިލޭޝަންސް އިންނެވެ.
ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް އައްޔަންކުރެއްވި އާއިޝަތު ޝާން ޝާކިރު މިއަދާ ހަމައަށް ހުންނެވީ ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައެވެ. އެ މަގާމުގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމާއި، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމާއި، ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑާގެ މަގާމު އެކަމަނާވަނީ ފުރުއްވާފައެވެ.