ސަރުކާރުން 15 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް އަދި ފަސް ރަށެއްގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު ހަވާލުކޮށްފި އެވެ.

ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިޔަށް ގެންދިޔުމަށް މި މަޝްރޫއުތައް މިއަދުގެ ވަގުތެއްގައި ހަވާލުކޮށްފައި ވަނީ މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އަށް ކަމަށެވެ.

އެގޮތުން ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ނިންމާފައިވާ 15 ރަށަކީ އއ. ފެރިދޫ، ހިމަންދޫ، ބ. ކަމަދޫ، މާޅޮސް، ހއ. މާރަންދޫއާއި، ތަކަންދޫ، ވަށަފަރު، ހދ. ހިރިމަރަދޫ، ކުމުންދޫ، ށ. ގޮއިދޫ، ނ. މާފަރު، ފޮއްދޫ، ރ. ފައިނު، ޅ. އޮޅުވެލިފުށި އަދި އދ. ކުނބުރުދޫ އެވެ.

މީގެ އިތުރުން ފެނުގެ ނިޒާމް ގާއިމް ކުރާ ފަސް ރަށަކީ އއ. މަތިވެރި، ހއ. މުރައިދޫ، ށ. ފީވަކު، ނ. ހެނބަދޫ، އަދި ރ. އިންނަމާދޫ އެވެ. މި ރަށްތަކުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް 1.306 ބިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ނިންމައިފަ އެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ ފެނާއި ނަރުދަމާގެ މަޝްރޫއުތައް 18 މަސް ދުވަހުގައި ނިންމުމަށް އެމްޑަބްލިއުއެސްސީއާއެކު އެއްބަސްވެފައިވާ ކަމަށެވެ. އަދި ފެނުގެ ނިޒާމުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 15 މަސް ތެރޭގައި ކަމަށެވެ. 

އެގޮތުން ފެނާއި ނަރުދަމާ ނިޒާމް އެޅުމުގެ މަޝްރޫއުގެ ތެރެއިން ފެނާއި ނަރުދަމާ ނިޒާމްގެ ވިޔުގަ އެޅުމާއި އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި އަދި ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމް ކުރުމް ހިމެނޭ ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ. މީގެ އިތުރުން ސީ އައުޓްފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކޮށް އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ މި މަޝްރޫއުތަކަކީ އެއް އަހަރުގެ މުއްދަތަކަށް ދައުލަތުން ފައިސާ ދައްކަން ނުޖެހޭ ގޮތައް ހަތަރު އަހަށް ބަހާލައިގެން ފައިސާ ދައްކާ ގޮތައް ކުރިޔަށް ގެންދާ މަޝްރޫއުތަކެއް ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *