އެމެރިކާގެ އިންތިހާބު ކާމިޔާބުކޮށްފައިވާ ޑިމަކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑަންއަށް ޗައިނާގެ ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވޭންގ ވެންބިން މީޑިއާއަށް މައުލޫމާތުދީފައިވާ ގޮތުގައި، އެމެރިކާގެ ރައްޔިތުންގެ ނިންމުމަށް ޗައިނާއިން ފުރިހަމައަށް އިހުތިރާމްކޮށް، ޖޯ ބައިޑަންއަށް އެ ގައުމުން މަރުހަބާ ކިޔައެވެ. އިތުރަށް ވެންބިން ވިދާޅުވީ، އެމެރިކާގެ އިންތިހާބުގެ ނަތީޖާ ނިންމާނީ އެ ގައުމުގެ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި އެކަން ޗައިނާއިން ފުރިހަމައަށް ބަލައިގަނެއެވެ.
އެމެރިކާގެ ރައީސްކަމަށް ޑޮނާލްޑް ޓްރަމްޕް އިންތިހާބުވުމާއެކު، ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދު ކަމަށްވާ ޗައިނާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެގޮތުން، ޓްރަމްޕްގެ ސިޔާސަތްތަކުގެ ސަބަބުން ދެ ގައުމުގެ އިގްތިސާދުވެސް ކުރިއަރަންޖެހޭ މިންވަރަށް ކުރިނާރާކަމަށް ގިނަ އިކޮނޮމިސްޓުން އަންނަނީ ފާހަގަކުރަމުންނެވެ. މީގެއިތުރުން، ކޮރޯނާ ވައިރަސްއަކީ "ޗައިނީޒް ވައިރަސް"އެއް ކަމަށް ބުނެ ޓަރަމްޕް ވާހަކަދައްކަވަމުންދާތީ އެކަމާ ކަންބޮޑުވާކަން ޗައިނާއިންވަނީ ތަކުރާރުކޮށް ފާހަގަކޮށްފައެވެ.
ޓްރަމްޕާއި ހިލާފަށް ބައިޑަންގެ ސަރުކާރުން ޗައިނާއާ ގުޅިގެން މަސައްކަތްކުރާނެކަމަށް ބެލެވެއެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތައް ފަދަ މުޅި ދުނިޔެއަށް ކުރިމަތިވާ ކާރިސާތަކުން އަރައިގަތުމަށް ދެ ގައުމުން ގުޅިގެން މުސްތަގްބަލުގައި މަސައްކަތްކުރާނެކަމަށް ބެލެވެއެވެ.
ޗައިނާއިން ޖޯ ބައިޑެންއަށް މަރުހަބާކިޔާފައިވާއިރު، ދުނިޔޭގެ އެންމެ ބޮޑު އެއް ބާރުކަމަށްވާ ރަޝިޔާއިން އަންނަނީ ބައިޑަންއަށް މަރުހަބާކިޔުމަށް ދެކޮޅު ހަދަމުންނެވެ. ކެމްޕޭން ދުވަސްވަރު ބައިޑެން ފާހަގަކުރެއްވި ގޮތުގައި، ރަޝިޔާއަކީ އެމެރިކާގެ އެންމެ ބޮޑު ހަތުރެވެ.