ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅު ދައުލަތުން ހަމަޖެއްސުމަށް ސަރުކާރުގެ ފަރާތުން ހުށައެޅި ބިލުތައް ފާސްކުރަން މަޖިލީހުގެ ކޮމިޓީން ނިންމައިފިއެވެ.

މި ދެ ބިލު ދިރާސާކުރީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ ސަބް ކޮމިޓީއަކުންނެވެ. ކޮމިޓީ ރިޕޯޓު ހުށައަޅުއްވާދެއްވަމުން ސަބް ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަނީ ބިލަށް ގެނައި ކުދި އިސްލާހުތައް މައި ކޮމިޓީއަށް ހުށައަޅުއްވާފައެވެ.

އާއިލާ މާނަކުރާ ގޮތް ތަފްސީލުކޮށްދީފައިވާއިރު، ބައެއް ލަފްޒުތަކަށް ބަދަލު ގެންނަވާފައިވާ ކަން ވެސް ފާހަގަކުރެއްވިއެވެ. އެގޮތުން ބިލުގައި ދައުލަތުން 'ގެއެއް' ހަމަޖައްސާދިނުމަށް އޮތުމުން، އެ ލަފްޒު 'ތަނަކަށް' ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުގެ ފަރާތުން ވަނީ ފަނޑިޔާރުންގެ ގާނޫނަށާއި މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ދެ ބާރުގެ ވެރިން ދިރިއުޅުއްވާނެ ރަސްމީ ގެކޮޅާއިބެހޭ މާއްދާއެއް އިތުރުކުރުމަށް ހުށައަޅާފައެވެ.

އިތުރުކުރަން ހުށައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއަކާއި، އެގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި ގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖެއްސުމަށެވެ. އަދި ދައުލަތުން ހަމަޖައްސަދޭ ރަސްމީ ގެއަކީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެއެއް ކަމަށް ވާންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

އޭގެއިތުރުން މި ގޭގެ ސެކިއުރިޓީ ބަލަހައްޓާނީ ޤައުމީ ދިފާއީ ހިދުމަތުން ކަމަށްވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅަށް ބޭނުންވާނެ ރަސްމީ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް ރަސްމީ މުވައްޒަފުން ހަމަޖައްސާނީ ސުޕްރީމް ކޯޓުންނެވެ.

ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސާދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ނިންމީ މެއި މަހުގެ 6 ވަނަ ދުވަހު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަށްކޮށްލުމަށް ޓެރަރިސްޓު ހަމަލާއެއް ދިނުމާއި ގުޅިގެންނެވެ. މި ހަމަލާއާއި ގުޅިގެން، މަޖިލީހުން ދަނީ އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީ އެއް ވެސް ހަދަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.