ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން ވިޔަފާރިތަކަށް އެހީތެރިވުމުގެގޮތުން ލޯނު ނަގާފައިވާ ފަރާތްތަކަށް މޮރިޓޯރިއަމް ހަމަޖައްސާދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅައިފިއެވެ.
ގަރާރު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް އެވެ.
ގަރާރު ހުށައަޅުއްވަމުން މުމްތާޒް ވިދާޅުވީ ހަރުކަށި ކޮށްފައިވާ ފިޔަވަޅުތަކާއި އެކު ބައެއް ވިޔަފާރިތަކަށް އާމްދަނީ ލިބުން އެއްކޮށް ހުއްޓި، އަނެއްބައި ވިޔަފާރިތަކުގެ އާމްދަނީ ބޮޑުތަނުން ދަށަށްގޮސް، މުވައްޒަފުންގެ މުސާރަ ދިނުމާއި، ވިޔަފާރި ހިންގާ ތަންތަނުގެ ކުލި ދެއްކުންފަދަ ކަންކަމަށް ނުކުޅެދިފައިވާކަމަށެވެ. އަދި ވިޔަފާރިތައް ބަގުރޫޓުވުމުގެ ފުރުސަތު ވަރަށް ބޮޑުވެފައިވާ ކަމަށެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި މީގެކުރިން ވެސް ވިޔަފާރިތަކުގެ އާމްދަނީ ހީނަރުވެގެން ގޮސްދާނެކަމަށް ބަލައި ވިޔަފާރިތަކަށް ލޯނު ދެއްކުމުގައި ލުއިދިނުމުގެ ގޮތުން މޮރެޓޯރިއަމްގެ ފުރުސަތު ފަހިކޮށްދިފައިވާކަން ފާހަގަކުރައްވާ މުމްތާޒް ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ނުލިބި ދިގު މުއްދަތަކަށް ފިޔަވަޅުތައް
ދަމަހައްޓަން ޖެހިދާނެ ކަމަށް ބެލެވޭތީ މޮރެޓޯރިއަމް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ގޮވާލާކަމަށެވެ.
މޮރެޓޯރިއަމް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންނެވި ގޮތް:
- އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ވިޔަފާރިތަކަކުން ނަގާފައިވާ ލޯނުތަކާއި ކްރެޑިޓް ފެސިލިޓީތަކަށް މޮރެޓޯރިއަމް ހަމަޖައްސައިދިނުން.
- މޮރެޓޯރިއަމް ދިނުމުގައި ލޯނު ނުވަތަ ކްރެޑިޓް ފެޒިލީޓީއަށް ބަރާބަރަށް ފައިސާ ދައްކާފައިވުން އެއީ ޝަރުތެއްކަމުގައި ކަނޑަނޭޅުން.
- މޮރެޓޯރިއަމްގެ މުއްދަތުގެ ތެރޭގައި އެއްވެސް އިންޓްރަސްޓެއް، ލޯނު ނުވަތަ ކްރެޑިޓް ފެޒިސިލީޓީއަށް ދައްކަންޖެހޭ ފައިސާގެ ތެރެއަށް އިތުރުނުވެ އެއްކޮށް މައާފުވާގޮތަށް ހަމަޖައްސައިދިނުން.
މިދިޔަ އަހަރެކޭ އެއްގޮތަށް ކުދި ވިޔަފާރިތަކުގެ ދަތިތައް ހައްލު ކުރަން ލުއި ލޯނު ދޫކުރަން ފައްޓަވާނެ ކަން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހާމަކުރައްވާފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، ސްޓްމިއުލަސް ލޯނު ދޫކުރަން ނިންމަވާފައިވާއިރު މި މަހުގެ ތެރޭގައި ލޯނުތައް ދޫކުރެވެން ފެށޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެކަމަށްޓަކައި 375 މިލިއަން ރުފިޔާގެ ފެސިލިޓީއެއް ވަނީ ހަމަޖައްސާފައެވެ.